 
					
									
			ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި ތަރައްޤީގެ މުހިއްމު މަޝްރޫއުތަކެއް ފައްޓަވައި ދެއްވާނެކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ. އެންމެ ދެކުނު ދެ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާގެ ވަގުތެއްގައެވެ. 
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅުގައި އެ ސިޓީގެ ހުރިހާ ރަށަކަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސްގެ މި ދަތުރުފުޅުގައި އައްޑޫ ސިޓީގައި ސަރުކާރުން ނިންމަވާފައިވާ ބައެއް މަޝްރޫތައް ހުޅުވާދެއްވުމުގެ އިތުރުން އައު މަޝްރޫތަކެއް ފެއްޓެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން މި ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
އައްޑޫ ސިޓީން 236.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުންނެވެ. މި މަޝްރޫއުގެ ދަށުން ހިތަދޫން 90 ހެކްޓަރުގެ ބިން، މަރަދޫ ފޭދޫން 75 ހެކްޓާރުގެ ބިން ހުޅުދޫ އާއި މީދޫން 38 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.
		
			1-   ނެޝަނަލް އެކަޑަމީ އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ހުޅުވުން
2-   ބިން އިތުރު ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރެއްވުން
3-   އައްޑޫސިޓީގެ މަގުތައްހެދުމުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވުން
4-   މަރަދޫ ބަނދަރު ހުޅުވައިދެއްވުން
5-   މީދޫ ބަނދަރު ހުޅުވައިދެއްވުން
6-   ހިތަދޫ މަސްޖިދް އިބްރާހީމް ހުޅުވައިދެއްވުން
7-   ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ސެންޓަރ ހުޅުވުން
		
			ރައީސްގެ މި ދަތުރުފުޅުގައި ފުވައްމުލަކަށްވެސް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.