ޚަބަރު

ރަމަޟާން މަހު ކިޔެވުން 3 ގަޑިއިރަށް، ޓީޗަރުން ސްކޫލްގައި ގިނަވެގެން 4 ގަޑިއިރު


ރަމަޟާންމަހު ސްކޫލްތަކުގެ ކިޔެވުން 3 ގަޑިއރަށްވުރެ ދިގުނުވާނެހެން ހަމަޖެއްސުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ސްކޫލްތަކަށް އަންގައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވި ސަރކިއުލާގައިވަނީ ރަމަޟާންމަހުގެ ކިޔަވައިދޭ ގަޑިތައް ކަނޑައަޅާއިރު ޓީޗަރުންވެސް މަސައްކަތްކުރާ ގަޑި 4 ގަޑިއަށްވުރެ އިތުރު ނުކުރުމަށް ސްކޫލްތަކަށް އަންގާފައެވެ.

ރަމަޟާންމަހު ސްކޫލްތަކުގެ ދަންފަޅިތަކާއި ކިޔަވައިދިނުމުގެ ކަންކަން އިންތިޒާމުކުރާނެ ގޮތް ބަޔާންކޮށް ސްކޫލްތަކަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ފޮނުވާފައިވާ ސަރކިއުލާގައިވަނީ އެއްދަންފަޅިއަށް ކިޔަވައިދޭ ސްކޫލްތަކުގެ ކިޔެވުން ހެނދުނު 0830އާއި 9 އަކާއި ދެމެދު ފެށުމަށް އަންގަވާފައެވެ. އަދި ދެދަންފަޅިއަށް ކުރިއަށްގެންދާ ސްކޫލްތަކުގެ ކިޔަވައިދޭ ގަޑިތައް ހެނދުނު 0830އާއި މެންދުރުފަހު 15:00އާ ދެމެދުގެ ގަޑިތަކަށް ފެއްތުމަށްވަނީ އަންގަވާފައެވެ. އަދި ކިޔަވައިދޭ ދަންފަޅީގެ ދިގުމިން އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް 1 ގަޑި 30 މިނިޓަށް، ގުރޭޑު 1-6 ގެ ދަރިވަރުންގެ ކިޔެވުން 2 ގަޑި 30 މިނިޓަށްވުރެ ދިގު ނުކުރުމަށް ސްކޫލްތަކަށްވަނީ އަންގަވާފައެވެ. މީގެ އިތުރުން ގުރޭޑު 7-12 ގެ ދަރިވަރުންގެ ކިޔެވުން 3 ގަޑިރަށް ފެއްތުމަށްވެސްވަނީ އަންގަވާފައެވެ.

ސްކޫލްތަކުގައި ރަމަޟާން މަހުގެ ދަންފަޅިތަކުގެ ކިޔަވައިދޭ ގަޑިތައް ފަށާގަޑިއާއި ނިމޭ ގަޑިތައް ބެލެނިވެރިންނަށް އުނދަގޫ ނުވާނެހެން އިންތިޒާމުކުރުމަށް އެޑިއުކޭޝަނުންވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިކަންކަން އިންތިޒާމުކުރުމުގައި ބައެއް ކަންކަމަށް ސަމާލުވުމަށް އެޑިއުކޭޝަންގެ ސަރކިއުލާގައިވެއެވެ. އެގޮތުން ޓީޗަރުންގެ މަސައްކަތު ގަޑި ޖުމްލަ 4 ގަޑިއިރަށްވުރެ ދިގުނުކުރުމަށާއި ނަމާދުގަޑިތައް ފާއިތުނުވަނީސް ދަރިވަރުންނާއި މުދައްރިސުންނަށް ނަމާދުކުރެވޭނެހެން ގަޑިތައް ރޭވުމާއި މެންދުރުގެ ދަންފަޅި ވީހާވެސް އަވަހަށް ނިންމާ މުދައްރިސުންނަށް ގެއަށްދެވޭނެހެން އިންތިޒާމުތައް ހަމަޖެއްސުމަށްވަނީ އެދިވަޑައިގެންފައެވެ. އަދި ހަވީރު 4 އިން ފެށިގެން ރޭގަނޑު 9 ޖެހުމާ ދެމެދު އެއްވެސް ޙަރަކާތެއް ސްކޫލްތަކުގައި ނުބޭއްވުމަށް އެޑިއުކޭޝަނުންވަނީ އަންގަވާފައެވެ.

ރާއްޖޭގައި އޮތް ކޯވިޑްގެ ޙާލަތަށް ސަމާލުވެ އެޗްޕީއޭއިން އަންގާފައިވާ ގޮތަށް ރައްކާތެރިކަމުގެ އުސޫލުތަކާ އެއްގޮތަށް އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އެޑިއުކޭޝަނުންވަނީ އެދިވަޑައިގެންފައެވެ. އަދި މިނިސްޓްރީން ވަކި ގޮތެއް ނާންގާހާ ހިނދަކު ކިޔަވައިދިނުން ކުރިއަށްގެންދާނީ ދަރިވަރުން ސްކޫލްތަކަށް ހާޒިރުކޮށްގެންކަމަށްވެސް އެޑިއުކޭޝަނުން ވިދާޅުވެއެވެ.