ޚަބަރު

ސީލައިފްގެ ވެރިޔާ ދޫކޮށްލި މައްސަލަ ހައިކޯޓަށް


މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ (އަންމަޓީ)، ކަފާލާތުގެ ދަށުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ސީލައިފްގެ ވެރިޔާ އަންމަޓީ ދޫކޮށްލާފައިވަނީ، އޭނާގެ އޭނާގެ އެއްބަނޑު އެއްބަފާ ދައްތައާއި ކޮއްކޮ ޖާމިނުކުރުމަށްފަހުއެވެ. އެ ދެމީހުންވެސް ވަނީ އަންމަޓީ ފިލައިގެން ނުދާނެކަމުގެ ޔަޤީންކަންދީ، ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ދަށު ކޯޓްގެ މި ނިންމާއި ގުޅިގެން ޕީޖީ ޙުސައިން ޝަމީމު ވިދާޅުވީ ޤާނޫނުގައި، ކަފާލާތުގައި ދޫކުރާއިރު ޖާމިނުކުރާނެ ވަކި ގޮތެއް އޮއްވާ، އެނޫން ގޮތްގޮތަށް މައްސަލަ ނިންމުމުން ހައިކޯޓަށް ދާން ޖެހޭކަމަށެވެ. އަދި ދަށުކޯޓުގެ އެންމެ ފަނޑިޔާރަކަށް، ޖާމިނުކުރެވޭގޮތް ސާފުވެވަޑައިގެންފައި ނެތުމަކީ އެންމެންގެ ވަގުތު ގެއްލޭކަމަކަށްވެއްޖެކަމަށްވެސް ޕީޖީ ވަނީ ވިދާޅުވެފައެވެ.

ކަފާލާތުގެ ދަށުން އަންމަޓީ ދޫކޮށްލާފައިވަނީ އޭނާއަށް ޝަރުޠުތަކެއް ކުރުމަށްފަހުއެވެ. އެގޮތުން ރަސްމީ ކޮންމެ ދުވަހަކު 9:00އަށް ފުލުހަށް ހާޒިރުވެ ސޮއިކުރަންޖެހެއެވެ. އަދި މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކާ އެއްވެސް ގޮތަކުން މުޢާމަލާތް ނުކުރެވޭނެކަމަށާ، ޝަރީޢަތަށް އެއްބާރުލުންދީ އަޑުއެހުންތަކަށް ހާޒިރުވާންވެސް ކްރިމިނަލްކޯޓުން ކަނޑައެޅި ޝަރުތުތަކުގައިވެއެވެ. މީގެއިތުރުން ކޯޓުގެ ހުއްދަނެތި މާލެއިން ބޭރަށް ދަތުރުކުރުންވެސް ވަނީ މަނާކޮށްފައެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް ހަދަން ސީލައިފާ ޙަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައި ވަނީ މިިދިޔަ އަހަރުގެ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ. އޭރު ވަނީ އޭނާ ހޯދަން ރެޑް ނޯޓިސްވެސް ނެރެފައެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަޙްމަދު މޫސާ ހައްޔަރުކޮށްގެން މާލެ ގެނެސް މައްސަލަ ތަހުޤީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މިއީ އެނާ ޚިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ. އަޙްމަދު މޫސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދަޢުވާކޮށްފައެވެ.

އެ މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅައި ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލައި ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ޙައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.