ޚަބަރު

ރާއްޖެއާއި ނޯރވޭގެ ގުޅުން ބަދަހިކުރުމަށް ޖާގަ އެބައޮތް- ސަފީރު


ރާއްޖެއާއި ނޯރވޭއާ ދެމެދުގައިވާ
ގުޅުން އިތުރަށް ބަދަހި ކުރަން ޖާގަ އެބައޮތް ކަމުގައި ނޯރވޭ ސަރުކާރުން
ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ތޯރބަން
ގައުސްތަޑްސަތެރ ވިދާޅުވެއްޖެއެވެ.



އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ،
އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން
ޢަބްދުލްޤައްޔޫމަށް އެރުވުމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގާ ބޭއްވުނު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.



މިއަދު ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު،
ރައީސުލްޖުމްހޫރިއްޔާ ނޯރވޭގެ އާ ސަފީރާ ބައްދަލުކުރައްވައި، އެމަނިކުފާނަށް
ތަހުނިޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޯރވޭގެ އާ
ސަފީރުގެ ދައުރުގައި، ރާއްޖެއާއި ނޯރވޭއާ ދެޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން
ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، މިގުޅުން
އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. 

މިގޮތުން ބައިނަލްއަޤްވާމީ މައިދާނުގައި، ނޯރވޭއިން ރާއްޖެއަށް އެއްބާރުލުންދިނުމާ
ބެހޭގޮތުންނާއި، އިޤްތިޞާދީ ދާއިރާއިންނާއި، ތިމާވެށި ރައްކާތެރިކުރުމުގެ
ދާއިރާއިންނާއި،ފަތުރުވެރިކަން ފުޅާކުރުމުގެ ދާއިރާގެ އިތުރުން ބައިނަލްއަޤްވާމީ
ދުނިޔެއިން ޓެރަރިޒަމް ނައްތާލުމައްޓަކައި މަސައްކަތްކުރެއްވުމާ ބެހޭގޮތުން ވެސް
މިބައްދަލުވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.



ނޯރވޭގެ އާ ސަފީރު
ދެއްކެވިވާހަކަފުޅުގައި، އެމަނިކުފާނުގެ ސަފީރުކަމުގައި ރާއްޖެއާއި ނޯރވޭއާ ދެމެދު
އޮންނަ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިވެގެންދާނެ ކަމުގައި
އުއްމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.



މިބައްދަލުކުރެއްވުމުގައި،
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮނަރަބަލް
ދުންޔާ މައުމޫނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް
މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.