ޚަބަރު

ކާރިޘާތަކުން އަރައިގަތުމަށް ކުރާ ހޭދަ އަންނަނީ އިތުރުވަމުން: މިނިސްޓަރ ޝައުނާ


ކާރިޘާތަކުން އަރައިގަތުމަށް ދައުލަތުން ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ. މިއިން އެނގިގެން ދަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ސީދާގޮތުން ރާއްޖެއަށް ކުރާ އަސަރުތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ މީޓިއޮރޮލޮޖިކަލް ދުވަހާއި ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އަސަރުކުރާކަމަށެވެ. އެގޮތުން އަހަރުން އަހަރަށް މޫސުމީ ކާރިޘާތަކަށް ކުރާ ހޭދަ އިތުރުވަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ޝައުނާ ވިދާޅުވީ މެޓު އޮފީހުގެ ވޭތުވެދިޔަ 10 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގެ ފިނިހޫނުމިން 0.23 ޑިގްރީ ސެލްސިއަސްއަށް އިތުރުވެފައިވާކަމަށެވެ. އަދި ވޭތުދެދިޔަ 47 އަހަރަށް ބަލާއިރު ފިނިހޫނުމިން 1.1 ޑިގްރީއަށް މައްޗަށް ގޮސްފައިވާކަމަށެވެ. މީގެ ސީދާ އަސަރު ރާއްޖެއަށް ވެހޭ ވާރެއާއި ގުދުރަތީ ފެން ފަށަލައާއި ގުޅިފައިވާއިރު އޭގެ ސަބަބުން ދަނޑުވެރިކަމާއި މަސްވެރިކަމަށް އަސަރުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޑިޒާސްޓަރ ރިލީފްއަށް ކުރާ ހޭދަ ވަރަށް ބޮޑަށް އަންނަނީ އިތުރުވަމުން. މީގެ ސަބަބުން ދައުލަތުގެ ބަޖެޓަށް އަންނަނީ ނޭދެވޭ އަސަރުކުރަމުން. އެނގިގެންމިދަނީ މޫސުމީ ބަދަލުތަކުގެ އަސަރު އަޅުގަނޑުމެންނަށް ކުރާ މިންވަރު." މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ރާއްޖޭގައި ވާރޭ ފެން ނެގޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތައް އިނގޭނެހެން މެޓު އޮފީހުން ތަޢާރަފުކޮށްފައިވާ، މޯބައިލް އެޕްލިކޭޝަންއާއި އެއިދާރާގެ އައު ވެބްސައިޓްވަނީ ރަސްމީކޮށް ލޯންޗްކޮށްފައެވެ. މިއެޕްލިކޭޝަނާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރ ޝައުނާވަނީ އަތޮޅުތެރޭގެ ރަށްތަކުގައި ސަރުކާރުން ފެނާ ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ކުރިއަށްގެންދިޔަނަމަވެސް ވާރޭ ފެން ރައްކާކުރެވޭނެ ނިޒާމު ވަރުގަދަކުރުމަށް އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރ ޝައުނާވަނީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫއުތައް ހިންގުމުގައި މެޓު އޮފީހުން އެއްކޮށްފައިވާ މަޢުލޫމާތު ބޭނުންކުރުމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.

ކޮންމެ އަހަރެއްގެ މާޗްމަހުގެ 23 ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤުވާމީ މީޓިއޮރޮލޮޖީ ދުވަހުގެ ގޮތުގައެވެ. ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަނުން 1950 ވަނަ އަހަރުން ފެށިގެން މިދުވަސް ފާހަގަކުރަމުން އައުމުގެ މައިގަނޑު މަޤްސަދަކީ މޫސުމީބަދަލުތަކާއި ކާރިޘާތަކުން މުޖުތަމަޢުތައް ރައްކާތެރިކުރުމަށް ޤައުމުތަކުގެ މެޓު އޮފީސްތަކުން ކުރަމުންދާ ބުރަމަސައްކަތް ފާހަގަކޮށް ކުރިއަށްދިޔުމުގައި ބާރުއެޅުމުގެ ގޮތުންނެވެ. މިއަހަރުގެ ދުވަހުގެ ޝިއާރަކީ "އަރލީ ވޯނިންގ އެންޑް އަރލީ އެކްޝަން". މިޝިއާރެވެ.

ރާއްޖޭގައި މޫސުމާ ބެހޭ ޚިދުމަތް ފެށިފައިވަނީ 1940 ވަނަ އަހަރުއެވެ. މިހާރު ރާއްޖޭގެ 5 ސަރަޙައްދެއްގައި މޫސުމާ ބެހޭ އޮފީސްތައްވަނީ ޤާއިމުކޮށްފައެވެ. މިހުރިހާ އޮފީހަކުންވެސް މޫސުމާ ބެހޭ މަޢުލޫމާތު ދެނެގަނެ ޢާއްމުންނަށް ފޯރުކޮށްދިނުމަށްޓަކާ މިހާރު 24 ގަޑިއިރު ޚިދުމަތްދެއެވެ. މޫސުމާބެހޭ އިތުރުމަޢުލޫމާތު އެކި ސަރަޙަދުން ވަގުތުން ވަގުތައް ބެލުމަށް 38 އޮޓަމެޓިކް ވެދަރ ސްޓޭޝަނާއި 3 ޓައިޑް ގޭޖްވަނީ ރާއްޖޭގެ އެކި ސަރަޙައްދު ތަކުގައި ޤާއިމުކުރެވިފައެވެ. އަދި ބިންހެލުން ދެނެގަތުމަށް ރާއްޖޭގައި 2 ސީސްމޮމީޓަރު ހަރުކުރެވި ދުނިޔޭގެ ސީސްމޮމީޓަރުގެ ވިއުގައާއިވަނީ ގުޅާލާފައެވެ.