ޚަބަރު

ބ.ކިހާދޫ އާއި ހިންމަފުށީ ސްކޫލްގައި ކްލާސް ރޫމް އަޅަން ހަވާލުކޮށްފި


ބ.ކިހާދޫ ސްކޫލްގައި 2 ކްލާސްރޫމާއި ކ ހިންމަފުށީ ސްކޫލްގައި 4 ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރަން ބަޔާކާ ހަވާލުކޮށްފިއެވެ. ކިހާދޫގައި ދެ ކްލާސް ރޫމް އެޅުމުގެ މަސައްކަތް ހަވާލުކުރީ އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ.

ކިހާދޫ ސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުކުރުމަށް އަޅާ މި ދެ ކްލާސްރޫމްގެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 99 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މިމަސައްކަތް އެކުންފުންޏާ ހަވާލުކުރީ 2،074،555.06 ދެމިލިއަން ހަތްދިހަ ހަތަރުހާސް ފަސްސަތޭކަ ފަންސާސް ފަސް ރުފިޔާ ހަލާރި) އަށެވެ.

މި މަސައްކަތުގެ ތެރޭގައި ކިހާދޫ ސްކޫލަށް އަލަށް ބޮޑުކޮށްފައި އޮތް ބައިގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ވެސް ކުރިއަށްދާނެއެވެ. ކިހާދޫ ސްކޫލުން ބުނީ މި ދެ ކްލާސްރޫމް އަޅާނީ އަލަށް ބޮޑުކޮށްފައި އޮތް ބައިގައި ކަމަށާ، މި ދެ ކްލާސްރޫމްގެ މަސައްކަތް ނިމި މިއަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެސްކޫލަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަން ހައްލުވެގެންދާނެކަމަށެވެ. ކިހާދޫ ސްކޫލްގައި މިހާރު ކިޔަވައި ދެމުން ގެންދަނީ އެއްދަންފަޅިއަށެވެ.

މިމަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީއެވެ. އިސްކޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޢަބްދުﷲއެވެ.

ކިހާދޫގެ އިތުރުން ކ.ހިންމަފުށީ ސްކޫލްގައި 4 ކްލާސް ރޫމާއި ހޯލެއް އިމާރާތް ކުރުމުގެ މަސައްކަތް ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދުވަނީ ހަވާލުކޮށްފައެވެ. މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 16،709،293.57ރ (ސޯޅަ މިލިއަން ހަތްލައްކަ ނުވަހާސް ދުއިސައްތަ ނުވަދިހަ ތިން ރުފިޔާ ފަންސާސް ހަތް ލާރި)އަށެވެ. މިމަސައްކަތް ނިންމުމަށް ކަނޑައަޅާފައިވަނީ 365 ދުވަހެވެ.

މިމަސައްކަތް ހަވާލުކުރުމަށް މިއަދު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ.އައިޝަތު އަލީއެވެ. ޔެސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުލަމް ރުޝްދީއެވެ.