ޚަބަރު

ރާއްޖޭއާ ސްރީލަންކާގެ ޚާރިޖީ ވަޒީރުން ބައްދަލުކުރައްވައިފި


ރަސްމީ ދަތުރުފުޅެއްގައި މިހާރު
ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ޚާރިޖީ ވަޒީރު މަންގަލަ ސަމަރަވީރައާއި،
ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ބައްދަލުކުރައްވައިފިއެވެ. 



ދިވެހި ޚާރިޖީ ވުޒާރާގައި މިއަދު
ހެނދުނު ބޭއްވި މިބައްދަލުކުރެއްވުމުގައި، ދެ ޚާރިޖީ ވަޒީރުންވަނީ ދެޤައުމުގެ
ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހި ކުރެވޭނޭ ގޮތްތަކާއި ބެހޭ
ގޮތުން މަޝްވަރާކުރައްވާފައެވެ. ޚާރިޖީ ވަޒީރު ދުންޔާ ވަނީ
ސްރީލަންކާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުން އަންނަ އެހީތެރިކަމަށް ޝުކުރުއަދާކުރައްވާ، ދެޤައުމުން އަހަމިއްޔަތުކަންދޭ ދާއިރާތަކުން
އެއްބާރުލުން އިތުރު ކުރުމުގެ
މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. 



މިބައްދަލުކުރެއްވުމުގައި
ސްރީލަންކާގެ ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖެއާއި އޮތް ގުޅުން
ބަދަހި ކުރުމަށް އާ ރޫޙަކާއެކު މަސައްކަތްކުރުމަށް ސްރީލަންކާ ސަރުކާރުން ތައްޔާރަށް
އޮތްކަމަށް ވިދާޅުވިއެވެ. އަދި ރާއްޖެއަށް ކުރައްވަމުންދާ ދަތުރުފުޅުގައި ޚާރިޖީ
ވުޒާރާއާއި، މިނިސްޓަރ އަދި ސަރުކާރުގެ އެހެނިހެން ފަރާތްތަކުން އަދާކުރެއްވި މެހެމާންދާރީއަށް
ޝުކުރު ދެންނެވިއެވެ.



މިބައްދަލުކުރެއްވުމަށްފަހު ޚާރިޖީ ވަޒީރު ދުންޔާ ދެއްވި ފަރިކޮޅެއްގައި ސްރީލަންކާގެ ޚާރިޖީ ވަޒީރާއި، މާލީ
ވަޒީރު އަދި ވަފްދުގައި ހިމެނިވަޑައިންނެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.  ސްރީލަންކާގެ ޚާރިޖީ ވަޒީރާއި، މާލީ ވަޒީރު ރާއްޖެއަށް ކުރެއްވި 2 ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ހަވީރު ވަނީ ފުރާވަޑައިގެންފައެވެ.