ޚަބަރު

އިންޑޮނީޝިއާގެ ރައީސަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި


އިންޑޮނީޝިއާގެ ޖަކާޓާއަށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެކަމުގެ ހިތާމައިގައި، ‏ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް‏، އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މި ޚަބަރު އެއްސެވީ ކުއްލި ހައިރާންކަމަކާއި، ފުން ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި އިންޑޮނީޝިއާގައި މިހިނގި ޓެރަރިޒަމްގެ ފިނޑި ޢަމަލު، ދިވެހި ރާއްޖޭގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައިވެއެވެ. އެމަނިކުފާނުގެ މެސެޖުގައި އިތުރަށް ވިދާޅުވެފައިވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކަލާ ދެކޮޅަށް ކުރެވެމުންދާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމަށާއި، މިކަމުގައި އިންޑޮނީޝިއާ ސަރުކާރާއި، ބައިނަލްއަޤްވާމީ ދުނިޔެއާއެކު ރާއްޖެއިން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާނެ ކަމުގައި ވިދާޅުވެފައިވެއެވެ.އަދި މިމެސެޖުގައި ޤައުމީ ހިތާމައިގެ މިދަނޑިވަޅުގައި، އިންޑޮނީޝިއާގެ ސަރުކާރަށާއި އަޙުވަންތަ ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ހަމްދަރުދީ ފޮނުއްވާފައިވެއެވެ.