ޚަބަރު

ރިސޯޓު ތަރައްޤީކުރަން ހުޅުވާލި 9 ރަށަކަށް 18 ބީލަން


ރިސޯޓު ތަރައްޤީކުރަން މިދިޔަ އަހަރުގެ ތެރޭގައި ބީލަމަށް ހުޅުވާލި 18 ރަށުގެ ތެރެއިން 9 ރަށަކަށް ބިޑް ހުށަހަޅާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

10 އަތޮޅަކުން ކަނޑައަޅާފައިވާ 18 ރަށަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު ހުޅުވާފައިވަނީ ދުބާއީ އެކްސްޕޯގެ ތެރެއިން ރާއްޖެއިން ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައެވެ. އޭގެތެރޭގައި ގިނައީ ކުރިން ބީލަމަށް ހުޅުވާލައިގެން ނުވިކުނު ރަށްތަކެވެ.

އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރެއިން ލ، ގއ، އަދި ގދ، އަތޮޅުގެ ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ މާޗު މަހުގެ 23 ވަނަ ދުވަހަށެވެ. އެހެނިހެން އަތޮޅުތަކުގެ ރަށްރަށުގެ ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާޗު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ހުޅުވާލި ރަށްތަކުގެ ތެރެއިން 9 ރަށަކަށް 18 ފަރާތުން ބީލަން ހުށައަޅާފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުށައަޅާފައިވާ ރަށްތަކަކީ ހއ. އަތޮޅުން 2 ރަށަކަށާއި، މ. އަތޮޅުން ރަށަކަށާއި، ފ.އަތޮޅުން 2 ރަށަކަށާއި، ގއ. އަތޮޅުން ރަށަކަށް، ގދ. އަތޮޅުން 2 ރަށުގެ އިތުރުން ތ. އަތޮޅުން ރަށެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އުއްމީދުކުރި ވަރަށްވުރެ ރަނގަޅު އެކުއިޒިޝަން އަގުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެން ކުރިއަށްދާނީ ބީލަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތްތައްކަމަށްވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

ރާއްޖޭގައި ގިނަ ޢަދަދެއްގެ ރިސޯޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންވެސްޓުކުރާ ގިނަ ފަރާތްތަކަށް އެކި ގޮންޖެހުންތައް ދިމާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި މިއިންވެސްޓްމަންޓުތައް މެދުކެނޑުމެއްނެތި ކުރިއަށްގެންގޮސް ނިންމުމަށް ސަރުކާރުން ފޯރުކޮށްދެވެން ހުރި އެހީތައް ފޯރުކޮށްދިނުމަކީ މުހިންމު ކަމެއްކަމުގައި ސަރުކާރުން ޤަބޫލުކުރައްވައެވެ.