ދުނިޔޭގެ ވިޔަފާރި

މަހެއްހާ ދުވަސް ފަހުން މޮސްކޯ ސްޓޮކް އެކްސްޗޭންޖް ހުޅުވައިފި


މަހެއްހާ ދުވަހަށް ބަންދުކުރުމަށް ފަހު ރަޝިއާގެ ހިއްސާގެ ބާޒާރު އަލުން ހުޅުވަން ފަށައިފިއެވެ.

ރަޝިއާގެ ހިއްސާގެ ބާޒާރު ނުވަތަ މޮސްކޯ ސޮޓްކް އެކްސްޗޭންޖް ބަންދު ކުރީ، މިދިޔަ މަހު 24 ވަނަ ދުވަހު ރަޝިއާ ސިފައިން ޔޫކްރެއިންއަށް އެރުމާއި އެކުގައެވެ. މޮސްކޯ ސްޓޮކް އެކްސްޗޭންޖުންވަނީ ވަރަށް އަވަހަށް އާންމު ހިއްސާގެ ވިޔަފާރި ފެށޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބުނެފައެވެ.

ހޯމަ ދުވަހު ހިއްސާގެ ބާޒާރު ހުޅުވިއިރު، އާންމުކޮށް ހިއްސާ ވިއްކަން ނުފަށައެވެ. މަހެއްހާ ދުވަހަށް ފަހު ބާޒާރު ހުޅުވައި ފުރަތަމަ ވިޔަފާރި ކޮށްފައިވަނީ، ރަޝިޔާ ސަރުކާރުގެ ބޮންޑުތައް ނުވަތަ އޯ.އެފް.ޒެޑް ބޮންޑުތަކެވެ. މި ބޮންޑުތައް މާކެޓު ފެށުމުގެ ކުރީން ހުރީ 20 އިންސައްތައިގެ ނެރެވޭ ވަރަށް އަގު ކުރެވިފައެވެ. މިއީ ރެކޯޑު އަދަދަކަށްވާއިރު، މި އަދަދު މައްޗަށް ދިއުމަކީ ބޮންޑުތަކުގެ ރިސްކް އިތުރުވެ އަދި ބޮންޑުގެ ޔަޤީންކަން ދައްވާ ކަމެއް ކަމަށް މާހިރުން ފާހަގަ ކުރެއެވެ. ނަމަވެސް ހޯމަ ދުވަހުގެ ވިޔަފާރި ފެށުމަށް ފަހު، މި އަދަދު 13 އިންސައްތައިގައި ހިފަހައްޓާ ވިޔަފާރިވަނީ ނިންމާލާފައެވެ.

ރަޝިޔާގެ ހިއްސާގެ ބާޒާރު ހުޅުވުމަށް އެ ޤައުމުގެ ސަރުކާރުން ނިންމާފައި އޮތީ، މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަރުހަލާގައި މިހާރު ހުޅުވަން ފަށާފައިވާއިރު، އާންމު ހިއްސާއަށް ހުޅުވާ ނުލާނެއެވެ. މީގެ އެންމެ ބޮޑު ސަބަބަކަށް ކަމާއި ބެހޭ ފަރާތްތަކުން ޤަބޫލު ކުރަނީ މިވަގުތު އެއްކޮށް ހުޅުވާލައިފިނަމަ، ޤައުމުތަކުން ރަޝިޔާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން މާކެޓް އެއްކޮށް ވެއްޓިދާނެ ކަމަށް ޤަބޫލު ކުރެވޭތީއެވެ. އެހެން ކަމުން ރަޝިޔާ ސަރުކާރުން މިވަގުތު ބަލަމުންދަނީ އެންމެ ގެއްލުން ކުޑަކޮށް މިކަން ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަށެވެ.

ރަޝިޔާގެ ހިއްސާގެ ބާޒާރު ހުޅުވަން އަލުން ހުޅުވާއިރު، ޤައުމުތަކުން ރަޝިޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން، އެ ޤައުމުގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ވަނީ ދަށްވެފައެވެ. އެގޮތުން ރަޝިޔާ ފައިސާގެ އަގު ޑޮލަރަކާއި ގުޅުވައި މިހާރު ހުރީ 104.83 ރޫބަލް ގައެވެ. މިއާއެކު ބައެއް ސުޕަމާޓުތަކުން ކާބޯތަކެތި ކޮންޓްރޯލްކޮށް ވިއްކަން ފަށާފައިވާއިރު، އެ ޤައުމުގެ މަރުކަޒީ ބެންކުން ވަނީ ކީ އިންޓްރެސްޓް ރޭޓް 20 އިންސައްތައިގައި ހިފަހައްޓާނެ ކަަމަށް ބުނެފައެވެ. މިއީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމަ ފެށިފަހުން ގެނައި ބަދަލެކެވެ.