ޚަބަރު

17 ކިލޯގެ މަސްތުވާތަކެތީގެ އަގު 13 މިލިއަން ރުފިޔާއަށްވުރެ ބޮޑު


އާދިއްތަ ދުވަހުގެ ރޭ މާލޭގައި ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 13 މިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް ކަސްޓަމްސްއިން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޓްރިވެންޑްރަމުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ކަސްޓަމްސްއަށް ޝައްކުކުރެވިގެން، މިމަހުގެ 20 ވަނަ ދުވަހު ކަސްޓަމްސް އިން ވަނީ މިޝިޕްމަންޓް އިތުރަށް ބަލާފާސްކޮށްފައެވެ. މިގޮތުން ބަލާފާސްކުރެވުނު ޝިޕްމަންޓް ކަސްޓަމްސްއަށް ޑިކްލެއަރ ކޮށްފައިވަނީ "އޯގަނިކް ފާރޓިލައިޒަރ" ގެ ގޮތުގައެވެ. އަދި މިޝިޕްމަންޓުގައި ހުރި "އޯގަނިކް ފާރޓިލައިޒަރ" ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތި ވަނީ ފެނިފައެވެ.

ކަސްޓަމްސްއިން ވިދާޅުވީ، ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން މިތަކެތި ތަހުލީލުކުރުމުން، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް (ހަޝިޝް އޮއިލް) އަށް ޕޮޒިޓިވްވެފައިވެއެވެ. މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޖުމްލަ 17 ކިލޯ ހުރި އިރު، މިތަކެތީގެ މަގުމަތީ އަގު 13 މިލިއަން ހަލައްކަ ރުފިޔާއަށް އަރާކަމަށްވެސް ކަސްޓަމްސްއިން ވިދާޅުވެފައިވެއެވެ.

މި މައްސަލައިގައި ކަސްޓަމްސްއިން ހޯދާފައިވާ 17 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ޕޮލިސް ސަރވިސް އާ ހަވާލުކުރުމުން، އެސަރވިސް އިން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި 4 މީހެއް ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 27 އަހަރާއި 37 އަހަރާއި ދެމެދުގެ 2 ދިވެހިންނާއި ބަންގްލަދޭޝްއަށް ނިސްބަތްވާ 2 ފިރިހެނުންނެވެ.