ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ދަށަށް


ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެއެވެ.މިގޮތުން ބައިނަލްއަޤްވާމީ މާރކެޓްގައި ވިއްކާ ތެޔޮ ފީފާއެއްގެ އަގު އިއްޔެ 29.96 އެމެރިކާ ޑޮލަރަށް ވެއްޓިފައިވާ ކަމަށް ޚަބަރު ލިބެއެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން 30 ޑޮލަރަށް ވުރެ ދަށަށް ތެޔޮ ފީފާއެއްގެ އަގު ވެއްޓުނު ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް މިހާރު ތެޔޮ ފީފާއެއްގެ އަގު ވަނީ ކޮންމެވެސް ވަރަކަށް އުފުލި، 30.22 އެމެރިކާ ޑޮލަރަށް އަރާފައެވެ.ވޭތުވެދިޔަ 15 މަސްދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެޔޮ ފީފާއެއްގެ އަގު ވަނީ %70 ވެއްޓިފައެވެ. ތެލުގެ އަގު ވެއްޓުމުގެ ސަބަބުން ރަޝިޔާއިން މިއަހަރަށް ކަނޑައަޅާފައިވާ ބެޖެޓް އަލުން އިސްލާހުކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެގައުމުގެ ބޮޑު ވަޒީރު ޑިމިޓްރީ މެޑްވެޑޭވް ވަނީ ވިދާޅުވެފައެވެ. އަދި ތެލުގެ އަގު ވެއްޓެމުންދާނަމަ އިޤްތިޞާދީ ގޮތުން އެންމެ އުނދަގޫ ޙާލަތާ ކުރިމަތިލުމަށް އެޤައުމު ތައްޔާރުވާން ޖެހޭ ކަމަށް ވެސް މެޑްވެޑޭވް ވިދާޅުވިއެވެ.