ވޯލްޑް އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު، 60 މީޓަރު ދުވުމުގައި ވާދަކޮށް ދެވަނަ ބުރުގެ ފުރުސަތު ގެއްލިއްޖެއެވެ.
މި ރޭހާއިއެކު ދުނިޔޭގެ އިންޑޯ ޗެމްޕިއަންޝިޕުގައި ދުވި ފުރަތަމަ ދުވުންތެރިޔާގެ ޝަރަފު ސާއިދަށް ވަނީ ލިބިފައެވެ. އެކަމަކު އޭނާ ދިޔައީ ހީޓުގެ އެންމެ ފަހަތަށެވެ.
މި މުބާރާތަށް ތައްޔާރުވުމަށް ސާއިދުއަށް އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް އޭނާ ވަނީ ހީޓު ރަނގަޅު ޓައިމިންގ އެއްގައި ނިންމައިފައެވެ. ސާއިދު ރޭސް ނިންމީ 6.87 ސިކުންތުންނެވެ. މި ހީޓުގައި އޮލިމްޕިކް ޗެމްޕިއަން މާސެލް ޖެކޮބްސްވެސް ވަނީ ދުވެފައެވެ. މި ހީޓުގެ އެއްވަނަ ހޯދީވެސް އޭނާއެވެ.
ދެވަނައަށް ދިޔަ ޖެރޮޑް އެލްކޮކް ރޭސް ނިންމީ 6.63 ސިކުންތުންނެވެ. އަދި ތިންވަނައަށް ދިޔަ ބަންގްލަދޭޝްގެ ދުވުންތެރިޔާ އިމްރާނުރް ރަހުމާން ރޭސް ނިންމީ 6.64 ސިކުންތުންނެވެ.
ރާއްޖޭގެ 60 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަނީ ވެސް ސާއިދު އަތުގަ އެވެ. ސާއިދު ވަނީ 2016 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި އޮތް އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި ދުވެ ރެކޯޓް ޓައިމިން ހާސިލްކޮށްފަ އެވެ. މި ބައިން ސާއިދު ދެ ފަހަރަށް ގައުމީ ރެކޯޑު އާ ކުރި އެވެ. ފުރަތަމަ ބުރުގައި ވާދަކޮށް އޭނާ ފުރަތަމަ ރެކޯޑު މުގުރާލީ 6.81 ސިކުންތުން ދުވެގެންނެވެ. އޭގެ ފަހުން ސެމީ ފައިނަލުގައި 6.75 ސިކުންތުން ދުވެ ގައުމީ ރެކޯޑު އާކޮށް ފައިނަލުން ވެސް ޖާގަ ހޯދި އެވެ. ފައިނަލް ހީޓުގައި ދުވެ ސާއިދު އޭޝިއާގެ ފަސް ވަނަ ހޯދިއެވެ.
މީގެ އިތުރުން ސާއިދު ވަނީ 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލޭންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފައެވެ. އަދި 2019 ވަނަ އަހަރު ނޭޕާލުގައި ކުރިއަށް ދިޔަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުންވެސް ސާއިދު ވަނީ ރަން މެޑަލް ހޯދައިފައެވެ.
މީގެ އިތުރުން ސާއިދު އަކީ އޮލިމްޕިކްސްގެ، ބުރެއްގެ އެއް ވަނަ ހޯދި ރާއްޖޭގެ ފުރަތަމަ ކުޅިވަރު .ކުޅުންތެރިޔާ އެވެ. ފުރަތަމަ އޮލިމްޕިކްސްގައި އޭނާ 2016 ވަނަ އަހަރު ފުރަތަމަ ބުރުން ޖާގަ ހޯދީ، ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައިގެންނެވެ.