ޚަބަރު

ބ.ތުޅާދޫ ގިރާ ސަރަހައްދު ހިމާޔަތްކޮށް ނިންމާލައިފި


ބ.ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފިއެވެ. މިމަސައްކަތް ނިންމާފައިވަނީ ރައްޔިތުން ބޭނުންވާ ގޮތަށް ބަދަލުތަކެއް ގެނައުމަށް ފަހު ކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ.

ތުޅާދޫ ގޮނޑުދޮށް ޙިމާޔަތްކުރުމަށް ބޭނުންކުރި ވެލި ނެގީ މިހާރު ކޮނެފައި އޮތް ފަޅަށް ވަދެ ނުކުތުމަށް ހަދާފައިވާ ނެރުމަތިންނެވެ. ނެރުމަތިން ވެލި ނެގީ ނެރަށް ވެލިފައިބާ ނެރުމަތި ތިލަވަމުންދިއުމާ ގުޅިގެންނެވެ. އެހެންކަމުން އެކަމަށްވެސް ހައްލު ލިބިފައިވާ ކަމަށް ތުޅާދޫ ކައުންސިލުން ވިދާޅުވެއެވެ. އެގޮތުން ގާތްގަޑަކަށް 11،700 އަކަމީޓަރުގެ ސަރަހައްދަކަށް ވާވަރަށް ވެލިނަގާފައިވާ ކަމަށް ކައުންސިލުން ވިދާޅުވިއެވެ.

ތުޅާދޫ ގިރާ ސަރަޙައްދު ޙިމާޔަތް ކުރުމަށް 280 މީޓަރުގެ ސަރަޙައްދެއްގައި ޖީއޯބޭގް ރިވެޓްމަންޓް ޖެހުމަށް ނިންމާ މަސައްކަތް ފެށިނަމަވެސް ރައްޔިތުން އެދުމަށް އިތުރު 40 މީޓަރުގެ ސަރަހައްދެއް ވަނީ ހިމާޔަތްކޮށްފައެވެ. މި މަސައްކަތާއެކު އެމްޓީސީސީން އެރަށު އެއްގަމު ތޮށިން އަޑިއަށް ގަބައިގެންގޮސްފައި އޮތް ސަރަހައްދަށްވެސް ވަގުތީ ހައްލެއް ހޯދައިދީފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ރަށް ގިރުމުގެ މައްސަލަ އަބަދުވެސް ކުރިމަތިވަމުން އަންނަ ތުޅާދޫގައި ޙިމާޔަތް ކުރީ ރަށުގެ އުތުރުފަރާތުން ހުޅަނގަށްވާގޮތަށެވެ. ދޯނި އެހެލާ ސަރަހައްދަކާ އެކު ހިމާޔަތް ކުރި މިސަރަހައްދުގެ ގެތަކަށް މިއާއެކު ރައްކާތެރިކަން ލިބިގެންދާނެ ކަމަށް އެރަށު ކަައުންސިލުން ވިދާޅުވެއެވެ.

ތުޅާދޫގައި ހިމާޔަތްކުރި މިސަރަހައްދުން މިވީ 5 އަހަރެއްހާ ދުވަސްތެރޭ 90 ފޫޓަށްވުރެ ބޮޑު ސަރަހައްދެއް ގިރައިގެން ގޮސްފައިވެއެވެ.

މި މަޝްރޫޢަށް 10.13 މިލިޔަން ރުފިޔާ ޚަރަދުވެފައިވެއެވެ.