ޚަބަރު

ގޮންޖެހުންތަކާހުރެ ޓޮޔޯޓާގެ ބައިނަލްއަޤްވާމީ އުފެއްދުންތެރިކަން ދަށަށް


ކޯވިޑްގެ ޙާލަތާއި، ސެމީކޮންޑަކްޓަރ ލިބުން ދަތިވުމުގެ ސަބަބުން ޓޮޔޯޓާއިން ކުރިން އަންދާޒާކޮށްފައިވާ މިންވަރަށްވުރެ އުފެއްދުންތެރިކަން 17 އިންސައްތަ މަދުކުރުމަށް ނިންމައިފިއެވެ.

ޓޮޔޯޓާއިން މީގެކުރިން އޭޕްރީލްމަހަށް ލަފާކޮށްފައިއޮތީ 900،000 އުޅަނދު އުފެއްދުމަށެވެ. ނަމަވެސް މިހާރު އެ ކުންފުނިން ވަނީ ބައިނަލްއަޤްވާމީ އުފެއްދުންތެރިކަން ދަށްކޮށް، ކުރީގެ އަންދާޒާއިން 150،000 އުޅަނދު މަދުކުރުމަށް ނިންމާފައެވެ. އަދި ކުރިއަށްއޮތް ތަނުގައި ބާޒާރުގެ ޙާލަތަށްބަލައި މި ޢަދަދު އިތުރަށް މަދުކުރަން ޖެހިދާނެކަމަށް ޓޮޔޯޓާއިން ބުނެއެވެ.

އޮފިޝަލުން ހާމަކުރާ ގޮތުން މޭ މަހު ޓޮޔޯޓާގެ ބައިނަލްއަޤްވާމީ އުފެއްދުންތެރިކަން 10 އިންސައްތަ އަދި ޖޫންމަހު 5 އިންސައްތަ ދަށްވާނެއެވެ. އެ ކުންފުނިން މިދިޔަ ހަފްތާގައި ވަނީ އުޅަނދު ފަރުމާކުރުމަށް ބޭނުންވާ ބައިތައް ލިބުން ދަތިވުމުގެ ސަބަބުން އޭޕްރީލް، މޭ އަދި ޖޫންގައި ޑޮމެސްޓިކް އުފެއްދުންތައް 20 އިންސައްތަ މަދުކުރުމަށް ނިންމާފައެވެ.

ދުނިޔޭގެ ބާޒާރުގައި ސެމީކޮންޑަކްޓަރ ޗިޕް ލިބުން ދަތިވުމުގެ މައްސަލައާއި ސަޕްލައި ޗެއިނަށް ދިމާވެފައިވާ މައްސަލަތަކުގެ ސަބަބުން ސިނާޢީ އުފެއްދުންތެރިންނަށް ގިނަ ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ. ޓޮޔޯޓާއަށް ކާރު އުފެއްދުމުގައި ބޭނުންވާ ބައިތައް ލިބުން ދަތިވުމުގެ އިތުރުން، ކޯވިޑު-19އާއި ގުޅިގެން ކުންފުނީގެ ބައެއް ކާރުޚާނާތަކުގެ މަސައްކަތް ހުއްޓާލަން ޖެހުމުން އެކަމުގެ އަސަރު ދަނީ ކުރަމުންނެވެ. މީގެ އިތުރުން ފެބްރުއަރީމަހު ސަޕްލަޔަރަކަށް ޢަމާޒުވި ސައިބާ އެޓޭކަކާއިގުޅިގެން ޓޮޔޯޓާގެ އެތެރޭގެ ހުރިހާ ކާރުޚާނާތަކެއްގެ މަސައްކަތް ހުއްޓާލަންޖެހި، 13000 އުޅަނދުގެ ގެއްލުން ވެފައިވެއެވެ. އަދި ޔޫކްރެއިން މައްސަލައިގައި ތަކެތި ލިބުން ދަތިވެ، ރަޝިޔާގެ ޕްލާންޓުގެ އޮޕަރޭޝަން މިހާރު ހުއްޓާލާފައިވާއިރު، މިކަމުންވެސް އުފެއްދުންތެރިކަމަށް ހުރަސްއެޅިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ. ރަޝިޔާ ޕްލާންޓުގައި އަހަރަކު 100000 ކާރު އުފެއްދުމުގެ ކެޕޭސިޓީ ހުރެއެވެ.

ޖަޕާނުގެ ކުންފުންޏެއް ކަމަށްވާ ޓޮޔޯޓާއަކީ ވިޔަފާރީގެ ނިޞްބަތުން ދުނިޔޭގައި އެންމެ ގިނައިން ކާރު އުފައްދާ ކުންފުންޏެވެ. 2021ވަނަ އަހަރު އެ ކުންފުނިން 10.5 މިލިއަން އުޅަނދު ވިއްކާފައިވެއެވެ.