ޚަބަރު

ނިއުޒިލޭންޑްގެ ބޯޑަރު ހުޅުވާލައި ފަތުރުވެރިންނަށް މަރުޙަބާކިޔަން ތައްޔާރުވެއްޖެ


ކޯވިޑާއި ގުޅިގެން 2020ވަނަ އަހަރުގެ މާރިޗުމަހުން ފެށިގެން ނިއުޒިލޭންޑްގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.

ފަތުރުވެރިކަމަށް ޚާއްޞަ ޕްރޮމޯޝަން އިވެންޓުތަކުގައި ބައިވެރިވެވަޑައިގެން، ބޯޑަރު ހުޅުވާލަން އުޅޭކަން ހާމަކުރައްވައި ނިއުޒިލޭންޑްގެ ބޮޑުވަޒީރު ޖެސިންޑަ އާޑާން ވިދާޅުވީ ފަތުރުވެރިންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔުމަށް އެ ޤައުމު އޮތީ ތައްޔާރަށްކަމަށެވެ.

2 އަހަރު ދުވަހަށްފަހު ނިއުޒިލޭންޑްގެ ބޯޑަރު އަލުން ހުޅުވާލާއިރު އެންމެ ފުރަތަމަ އެތެރެވުމުގެ ހުއްދަ ދީފައިވަނީ އޮސްޓްރޭލިއާގެ ފަތުރުވެރިންނަށެވެ. އެގޮތުން ވެކްސިން ފުރިހަމަކޮށްފައިވާ އޮސްޓްރޭލިއާ ފަތުރުވެރިންނަށް އޭޕްރީލް 13އިން ފެށިގެން ކަރަންޓީނުވުމަކާއި ނުލައި ނިއުޒިލޭންޑަށް ދަތުރުކުރެވޭނެއެވެ. އެހެންކަމުން އޮސްޓްރޭލިއާ މާކެޓުން ބޮޑު ތަރުޙީބެއް ލިބޭނެކަމަށް ނިއުޒިލޭންޑުގެ ފަތުރުވެރިކަމާބެހޭ ސިނާޢަތުން ދަނީ އުއްމީދުކުރަމުންނެވެ.

ވިސާއާ ނުލައި ދަތުރުކުރެވޭ ޤައުމުތަކުގެ ފަތުރުވެރިންނަށް ބޯޑަރު ހުޅުވާލުމަށް ނިންމާފައިވަނީ މޭ މަހުން ފެށިގެންނެވެ. އެގޮތުން މޭމަހުން ފެށިގެން އެމެރިކާއާއި، އިނގިރޭސިވިލާތާއި، ޖަރުމަންވިލާތާއި، ކެނެޑާއާއި، ޖަޕާނާއި، ސިންގަޕޫރުފަދަ ޤައުމުތަކުން ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ކަރަންޓީނުވުމަކާއި ނުލައި ނިއުޒިލޭންޑަށް ދަތުރުކުރެވޭނެއެވެ. ބާކީ ތިބި ޤައުމުތަކަށް އޮކްޓޯބަރުގެ ފަހުން ބޯޑަރު ހުޅުވާލުމަށްޓަކައި މަޝްވަރާތައް ކުރަމުންދާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

ނިއުޒިލޭންޑްގެ ބޯޑަރު ހުޅުވާލަން ނިންމާފައިވަނީ ކޯވިޑުގެ ޙާލަތު ކޮންޓްރޯލްކޮށް ބޭއްވުމުގައި އެ ޤައުމުން ކާމިޔާބު ހޯދާފައި އޮތުމަށްފަހުއެވެ. މިހާރު އެ ޤައުމުގެ 12 އަހަރުން މަތީގެ އާބާދީގެ 95 އިންސައްތަ ވަނީ ދެ ޑޯޒް ވެކްސިން ފުރިހަމަކޮށްފައެވެ. އަދި 72 އިންސައްތަ މީހުން ބޫސްޓަރ ޑޯޒްވެސް ފުރިހަމަކޮށްފައިވާކަމަށް އެ ޤައުމުން ހާމަކުރެއެވެ.

ނިއުޒިލޭންޑްގެ ބޯޑަރު ހުޅުވާލަން ނިންމާފައިވާއިރު ފަތުރުވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބާކީއޮތް ކުރު މުއްދަތުގައި ބޭނުންވާވަރަށް މަސައްކަތްތެރިން ހޯދަން ދަތިވުމެވެ. ވުމާއެކު އެކަށީގެންވާ މިންވަރަށް މަސައްކަތްތެރިން ހޯދުމުގައި އެހީތެރިވެދެއްވާނެކަމަށް ބޮޑުވަޒީރު ޖެސިންޑަ އާޑާން ވަނީ ވިދާޅުވެފައެވެ.

ފަތުރުވެރިކަމަކީ ނިއުޒިލޭންޑްގެ އެކްސްޕޯޓު ވިޔަފާރީގެ 20 އިންސައްތަ ހިއްސާކުރާ އަދި ޖީޑީޕީގެ 5.5 އިންސައްތަ ހިއްސާކުރާ ސިނާޢަތެވެ. ބޯޑަރު ބަންދުކޮށްފައި އޮތުމުގެ ސަބަބުން އެ ޤައުމުގެ ފަތުރުވެރިކަމަށާއި، ޢާއްމު ޚިދުމަތުގެ ދާއިރާއަށް ބޮޑު އަސަރެއް ކޮށްފައިވެއެވެ. އެގޮތުން 2020ވަނަ އަހަރާއި އަޅާބަލާއިރު 2021ވަނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުން އެ ޤައުމަށް 15.6 ބިލިއަން ޑޮލަރުގެ ގެއްލުންވެފައިވެއެވެ.

ނިއުޒިލޭންޑްގެ ބޯޑަރު އަލުން ހުޅުވާލައި ފަތުރުވެރިންނަށް މަރުޙަބާކިޔުމަށްޓަކައި އެ ޤައުމުގެ ރައްޔިތުން ތިބީ ވަރަށް ފޯރިއާއެކު ތައްޔާރުވެގެންކަމަށް ޚަބަރުތައް ބުނެއެވެ. އެ ޤައުމުން ވަނީ ބޭރުގެ ކިޔަވާކުދިންނަށާއި ވިސާ އޮތް ބޭރުގެ މަސައްކަތްތެރިންނަށް މިމަހު ބޯޑަރު ހުޅުވާލާފައެވެ.