ޚަބަރު

ތިނަދޫން ފަޅުކުރި ޙާދިސާގެ ހަނދާން، އަލުން އައުވެ އެތައް ބަޔެއްގެ ލޮލުން ކަރުނަ!


1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށްބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގައި އެހާދިސާގައިި އަސަރުކުރި ބައެއް މީހުންގެ ބަޔާން ނަގަން ފަށައިފިއެވެ.

މި މައްސަލައިގެ އަޑުއެހުން މާލެއާއި ތިނަދޫގައި ކުރިއަށްގެންދާއިރު އެންމެ ފުރަތަމަ އަޑުއެހުންތައް ފަށާފައިމިވަނީ ތިނަދޫގައެވެ. މިމަހުގެ 19އިން 22އަށް ކުރިއަށްގެންދާ މި އަޑުއެހުންތައް ތިނަދޫގައި ކޮންމެ ދުވަހެއްގެ ދެ ގަޑިއެއްގައި ބާއްވައެވެ. މި ދުވަސްތަކުގެ ހެނދުނު 09:00އިން މެންދުރު 12:00 އަށް އަދި މެންދުރުފަހު 1430އިން 1800އަށް ކުރިއަށްދާނެއެވެ.

ގދ.ތިނަދޫގައި ހުންނަ ޤައުމީ ޔުނިވާސިޓީގެ ކެމްޕަހުގައި ކުރިއަށްގެންދިޔަ މި އަޑުއެހުމުގައި ތިނަދޫއިން މީހުން ބޭލި ހާދިސާގައި ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުން އެރަށުގެ ދުވަސްވީ މީހުން ވަނީ އަސަރާއެކު އެ ދުވަސްތަކުގެ ހަނދާންތައް އައުކޮށް ކިޔައިދީފައެވެ. މިހާދިސާގައި އެންމެ ފުރަތަމަ ބަޔާންދީފައިވަނީ އާދަމް ޙުސައިންއެވެ. ޢޭނާގެ ޢުމުރުން އެންމެ 3 އަހަރުގައި ހިންގި މި ހާދިސާގެ ހަނދާންތައް އައުކޮށް އެވާހަކަތައް ކިޔައިދެމުން އާދަމް ބުނީ އެ ހާދިސާގައި އޭނާގެ މަންމަ ސަލާމަތްވީ ކިރިޔާކަމަށެވެ. ނަމަވެސް އޭނަގެ އެއްބަނޑު އެއްބަފާ ތިން ބެއިން މަރުވިކަމަށް ހިތާމައާއެކު އާދަމް ކިޔައިދިނެވެ. އާދަމް ކިޔައދިން ގޮތުގައި އެދުވަހުގެ ހާލަތުއޮތީ އެއްވެސް މީހަކު އެކަކު އަނެކަކަށް އެހީތެރިވެވޭނެ ހާލަތެއްގައެއް ނޫނެވެ.

އާދަމް ކިޔައދިން ގޮތުގައި އެމީހުން ދިރިއުޅެމުން އައިގެއާއި އެރަށު އެތައް ބައެއްގެ ގެދޮރުގައި ހުޅުޖަހާއި އަންދާލާ ޢުމުރު ދުވަހުގެ މަސައްކަތުން ހޯދި އެތައް ސާމާނެއް ނައްތާލާ އެތައް އަނިޔާތަކެއް ދީފައިވެއެވެ. އާދަމް ބުނިގޮތުގައި ތިންދޫ މީހުންގެ ކުށަކީ ކޮބައިކަން އެދުވަހު އަނިޔާދިން އެއްވެސް މިހަކަށް މިހާތަަނށް ކިޔައިދެވިފައެއް ނުވެއެވެ.

"އެދުވަހު އެތައް ބަޔަކު ނިޔާވި. ދިރިއުޅުމަށް ހޯދި އެތައް އެއްޗެއް ނައްތާލި. އަޚުގަނޑުމެންގެ ގެވެސް ސިފައިން ހުޅުޖަހާ ވަނީ އަންދާލާފަ. ކަނޑުގައި ފަތަފަތާ މަންމަ ކޮތީ ކުޑަކުޑަ ތާހަކަށް އަޅުގަނޑު ލައިގެން." އާދަމް ބުންޏެވެ.

އާދަމް ކިޔައިދިން ގޮތުގައި އެދުވަހުގެ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ރަށުން ފޭބުމަށްވެސް އެންގިއެވެ. އެއާ އެކު އެއްބަޔަކު ރަށުން ފައިބައިގެން ގޮސްފައިވެއެވެ.

ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ބަޔާންދިން އައިޝަތު ހުސައިން ބުނީ އެހާދިސާގައި އޭނާގެ ބައްޕަ ނިޔާވިކަމަށެވެ. ބައްޕަ ނިޔާވީ ސިފައިން ދިން ބަޑީގެ ހަމަލާއެއްގައިކަމަށް އަސަރާއެކު ރޮމުން އައިޝަތު ޙުސައިން ކިޔައިދިނެވެ. އެތައް ބަޔަކަށް ނަފްސާނީ ގޮތުން އަސަރުކުރުވި އެހާދިސާގައި ބައްޕަގެ ގަޔަށް ބަޑިޖެހިތަން ފެނި މަންމަ ހޭނެތުނުކަމަށާއި، އެމަންޒަރުތައް ފެނުނުކަމަށް ރޮމުން އައިޝަތު ކިޔައިދިނެވެ. އޭނާ ކިޔައދިން ގޮތުގައި ރަށުން ފޭބުމަށް އަމުރު އައުމުން އެތައް ބަޔަކު ރަށުން ފައިބައިގެން ބައްތެއްޔަށް އަރަން ދިޔައިރުވެސް އެތައް ގެއެއް އަނދަމުން ދިޔަތަން ފެނުނުކަމަށެވެ.

މި ހާދިސާއިން ނަފްސާނީ އެތައް އަސަރެއްކުރުވި ޢާއިޝަތު ފަރީދާ ކިޔައިދިންގޮތުގައި ޙަދިސާ ހިނގީ އޭނާގެ ޢުމުރުން 17 އަހަރުގައެވެ. އެ ހާދިސާ ހިނގިއިރު މަގުމަތިން ޒުވާން އަންހެން ކުދިން ފެނިއްޖެނަމަ އެއީ އެ ހާދިސާގައި ރަށަށް އެރި ސިފައިންގެ އަނބިންގެ ގޮތުގައި ބަލައިގެން އުޅުނުކަމަށެވެ. ފަރީދާ ބުނީ އެ ހާދިސާއާއި ގުޅިގެން އޭނާގެ ދަރިން ގޮވައިގެން އައީ މާލެކަމަށް އޭނާ ބުންޏެވެ. ތިނަދޫގައި ދެވަނަފަހަރަށް ވަޒަންވެރިވީ އޭގެ ފަހުންނެވެ.

މިހާދިސާގައި އިންސާނީ ހައްގުތައް ގެއްލުނުކަމަށް ބުނާ އިތުރު ބައެއް މީހުންގެ ބަޔާންވެސް ވަނީ ނަގާފައެވެ. މި އަޑުއެހުންތަކުގެ ރިޔާސަތު ބަލައްހައްޓަވާ އި ޗީފް އޮމްބަޑްސްޕާސަން އަބްދުއްސަލާމް އާރިފް ވަނީ އެމީހުންނާއި ގިނަ ސުވާލުތަކެއް ކުރައްވައި ގިނަ މަޢުލުމާތުތަކެއް ހޯއްދަވާފައެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ. މި ހާދިސާގެ އަޑުއެހުންތައް ޕީއެސްއެމް ނިއުސްއިން ލައިވްކުރެއެވެ.