ޚަބަރު

ތިނަދޫން މީހުން ބޭލި މައްސަލައިގެ އަޑުއެހުންތައް ފަށައިފި


1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށްބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުންތައް މިއަދު ފަށައިފިއެވެ. މިއަޑުއެހުންތައް ޕީއެސްއެމް ނިއުސްއިން ވަގުތުން ގެނެސްދޭނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވީ މިމައްސަލައިގެ އަޑުއެހުންތައް މާލޭގެ އިތުރުން ތިނަދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިއަދުން ފެށިގެން މިމަހުގެ 22އަށް މިއަޑުއެހުންތައް ކުރިއަށް ގެންދާނީ ތިނަދޫގައެވެ. އަދި އޭގެފަހުން މިމަހުގެ 27ގައި އިތުރު އަޑުއެހުމެއް މާލޭގައިވެސް ބާއްވާނެކަމަށް އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވިއެވެ. އެ އޮފީހުން ވިދާޅުވީ މި އަޑުއެހުންތައް ކުރިއަށްދާނީ ޝަރުޢީ ކޯޓުތަކުގައިވެސް އަޑުއެހުންތައް ކުރިއަށްދާގޮތަށްކަމަށެވެ. އަދި މި އަޑުއެހުންތަކުގައި ވާހަކަ ދައްކަން ބޭނުންވާ ހުރިހާ އެންމެނަށްވެސް ފުރުޞަތު ދެއްވާނެކަމަށް އިންތީޤާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން ވިދާޅުވިއެވެ.

ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ. އެއޮފީހުން ވިދާޅުވީ، މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ބޭއްވުމަށްހަމަޖެހިފައިވަނީ ގދ.ތިނަދޫގައެވެ.

1959އިން 1966އަށް ރާއްޖޭގެ ދެކުނު އަތޮޅު 4 އަތޮޅުގައި ހިނގި ހަމަނުޖެހުމާއި ގުޅިގެން ތިނަދޫ ރައްޔިތުން ރަށުން ބާލާ ދައުލަތުގެ ފަރާތުން ލާއިންސާނީ އަނިޔާދީ، އެތަކެއް އަސާސީ ހައްގުތަކެއް ގެއްލިފައިވާކަމަށް ބުނެ ހުށައަޅާފައިވާ މައްސަލަ އިންތިޤާލީ އިންސާފްގެ އޮފީހަށް ހުށައެޅީ ތިނަދޫ ކައުންސިލާއި އެ ހާދިސާގައި ހައްގުތަކެއް ގެއްލިފައިވާކަމަށް ތުހުމަތުކުރާ ބައެއް އަމިއްލަ ފަރާތްތަކުންނެވެ.