ދުނިޔެ

އަލްޖަޒީރާގެ އެމެރިކާ ޗެެނަލް ބަންދުކުރަނީ


ޤަތަރުގެ ނިއުސް ޗެނަލް އަލް-ޖަޒީރާއިން އެމެރިކާގައި ހިންގާ އޮފީސް އަންނަ އޭޕްރިލް މަހު ބަންދުކުރާނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެެވެ.އަލްޖަޒީރާއިން ބުނީ އެމެރިކާގައި އެކުންފުނިން ހިންގާ ޗެނަލް އަލް-ޖަޒީރާ އެމެރިކާ ބަންދުކުރުމަށް ނިންމީ އެމެރިކާގެ މީޑިއާ މާރކެޓްގައި ހުރި އިޤްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަލްޖަޒީރާއިން އެމެރިކާގައި ޗެނެލެއް ޤާއިމުކޮށްފައިވަނީ 2013 ވަނަ އަހަރެވެ. އެމެރިކާގެ މަޝްހޫރު ނިއުސް ޗެނަލްތައް ކަމަށްވާ ސީ.އެން.އެންއާއި ފޮކްސްއަށް ގޮންޖަހާލާނެ ކަމަށް ބުނެ ތާޢާރަފް ކުރި އަލްޖަޒީރާ އެމެރިކާއަށް ބެލުންތެރިންގެ މާ ބޮޑު މަޤްބޫލު ކަމެއް ނުލިބޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އޭޕްރިލް މަހުގެ 30 ވަނަ ދުވަހު އަލްޖަޒީރާ އެމެރިކާ ޓިވީ ޗެނަލްގެ ބްރޮޑްކާސްޓްތައް ހުއްޓާލުމަށް ފަހު އޮންލައިންކޮށް އެމެރިކާގެ ޚަބަރުތައް ގެނެސްދޭނެ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.