ޚަބަރު

200އަށްވުރެ ގިނަ ވިޔަފާރި ރަޝިޔާ މާކެޓުން ވަކިވެއްޖެ


ހަނގުރާމަ ފެށުނުފަހުން 200އަށްވުރެ ގިނަ ބޭރު ވިޔަފާރި ކުންފުނިން ރަޝިޔާ މާކެޓް ދޫކޮށްލާފައިވާކަމަށް ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފިއެވެ.

ފޭސްބުކް މެދުވެރިކޮށް ޔޫކްރެއިންގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ބޭރު ކުންފުނިތަކުގެ ތެރެއިން ރަޝިޔާ މާކެޓް ދޫކުރަމުންދާ ކުންފުނިތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާ ކަމަށެވެ. އަދި މިހާރު ރަޝިޔާގައި ވިޔަފާރި ހިންގުން ހުއްޓާލާފައިވާ ކުންފުނިތަކުގެ ލޯގޯތައް އެކުލެވޭ ފޮޓޯއެއް، އެ ވުޒާރާއިން ވަނީ ފޭސްބުކްގައި ޢާއްމުކޮށްފައެވެ. މި ފޮޓޯގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި ހަކަތައާބެހޭ ވިޔަފާރިތަކާއި، ޓެކްނިލޮޖީގެ ވަޞީލަތްތައް އުފައްދާ ކުންފުނިތަކާއި، އެއަރލައިންތަކާއި، ބޭންކުތަކާއި، މުއާޞަލާތީ ޚިދުމަތްދޭ ތަންތަނާއި، ލަކްޒަރީ ބްރޭންޑުތައް ހިމެނެއެވެ.

ޔޫކްރެއިންގެ ޚާރިޖީ ވަޒީރު ދިމިތްރޯ ކުލެބާ އަންނަނީ ރަޝިޔާ އާއެކު ވިޔަފާރި ގުޅުން ކަނޑާލުމަށް ވިޔަފާރިވެރިންނަށް މެދުނުކެނޑި ގޮވާލައްވަމުންނެވެ. އަދި ރަޝިޔާއާއެކު ގުޅުން ދަމަހައްޓާ ބައިނަލްއަޤްވާމީ ކުންފުނިތައް ބޮއިކޮޓްކުރުމަށްވެސް އޭނާ ގެންދަވަނީ ގޮވާލައްވަމުންނެވެ.

އެމެރިކާގެ ޔޭލް ޔުނިވަރސިޓީގެ ސްކޫލް އޮފް މެނޭޖްމަންޓުން ނެރެފައިވާ ރިޕޯޓެއްގައި ހާމަކޮށްފައިވާގޮތުން ޖުމްލަ 400 އަށްވުރެ ގިނަ ކުންފުނިން ވަނީ ރަޝިޔާއާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބަދަލު ގެނައުމަށް ނިންމާފައެވެ. މީގެ ތެރޭގައި ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނުކުރާނެކަން އިޢުލާންކޮށްފައިވާ 159 ކުންފުންޏަކާއި، ވަގުތީގޮތުން އޮޕަރޭޝަން މެދުކަނޑާލާފައިވާ 182 ކުންފުންޏަކާއި، އޮޕަރޭޝަންތައް މަދުކޮށްފައިވާ ކުންފުނިތަކާއި، އޮޕަރޭޝަންތައް މަދުކުރުމަށް ވިސްނަމުންދާ ކުންފުނިތައް ހިމެނެއެވެ.

ބައިނަލްއަޤްވާމީ ބޮޑެތި ވިޔަފާރިތަކުގެ ތެރެއިން 200އަށްވުރެ ގިނަ ކުންފުނިން ރަޝިޔާ ދޫކޮށްލާފައިވާކަން ޔޫކްރެއިނުން ހާމަކޮށްފައިވާއިރު، ފެބްރުއަރީ 24އިން ފެށިގެން ރަޝިޔާއިން ޔޫކްރެއިނަށް ދޭންފެށި ޙަމަލާތައް އަދިވެސް ހުއްޓާލާފައެއް ނުވެއެވެ. އެހެންކަމުން ވިލާތުގެ އިއްތިޙާދާއި އެކި ޤައުމުތަކުން ދަނީ ރަޝިޔާއަށް އިޤްތިޞާދީ ދަތިކުރުމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.