ދުނިޔެ

އިސްތަންބުލްގައި ހަމަލާ ދިނީ ސޫރިޔާގެ ރެފިއުޖީއެއް - ދޯވުތޫލޫ


އަންގާރަ ދުވަހު ތުރުކީގެ އިސްތަންބުލްގައި ދިން ބޮމުގެ ހަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ސޫރިޔާއިން ތުރުކީއަށް ރެފިއުޖީއެއްގެ ގޮތުގައި ވަދެފައިވާ މީހެއް ކަމަށާއި އޭނާއަކީ ނުރައްކާތެރި މީހެއްގެ ގޮތުގައި މީގެ ކުރިން ފާހަގަކުރެވިފައިނުވާ މީހެއް ކަމަށް ތުރުކީވިލާތުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.އިސްތަންބުލްގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ތުރުކީގެ ބޮޑު ވަޒީރު އަހްމަތު ދޯވުތޫލޫ ވިދާޅުވީ، ހަމަލާ ދިން ކަމަށް ބެލެވޭ މީހާއަކީ ތުރުކީގެ އެއްވެސް ވޮޗް ލިސްޓެއްގައިވާ މީހެއް ނޫން ކަމަށާއި އޭނާއާއި ބެހޭ ގޮތުން އެއްވެސް އިންޒާރެއް ލިބިފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މި ހަމަލާއަށް ފަހު އޭނާ ތުރުކީއަށް ވަދެފައިވާ ސަބަބުގެ އިތުރުން މިކަން ހާސިލްކުރުމަށް އޭނާ ކޮށްފައިވާ މަސައްކަތްތައް އޮޅުންފިލާފައިވާ ކަމަށް ވިދާޅުވިއެވެ.އިސްތަންބުލްއަށް ދިން ހަމަލާގައި މަރުވެފައިވަނީ އެރަށަށް ޒިޔާރަތް ކުރަމުން ދިޔަ ޖަރުމަނުވިލާތުގެ 10 ފަތުރުވެރިންނެވެ. މި ހަމަލާގެ ޒިންމާ އުފުލާފައިވަނީ އައި.އެސް ޖަމާޢަތުންނެވެ. މި ހަމަލާއަށް ފަހު އައި.އެސްގެ އަމާޒުތަކަށް އިތުރު ހަމަލާތައް ދޭނެތޯ ސުވާލުކުރުމުން، ތުރުކީގެ ބޮޑު ވަޒީރު ވިދާޅުވީ މިކަމުގައި އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށް ތުރުކީ ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި އެޤައުމުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ތުރުކީވިލާތުން އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ދޯވުތޫލޫ ވިދާޅުވިއެވެ.