ޚަބަރު

މިއަހަރު އިންޑިއާއިން ތެލަށް އޮންނަ ޑިމާންޑް 8 އިންސައްތަ އިތުރުވާނެ: އޮޕެކް


ކޯވިޑްގެ ޕެންޑަމިކަށްފަހު އިޤްތިޞާދީ ދުވެލި ކުރިއަރަން ފަށާފައިވާތީ އިންޑިއާއިން މިއަހަރު ތެލަށް އޮންނަ ޑިމާންޑު 8.2 އިންސައްތަ އިތުރުވެގެންދާނެ ކަމަށް އޮޕެކުން ހާމަކޮށްފިއެވެ.

އޯގަނައިޒޭޝަން އޮފް ދަ ޕެޓްރޯލިއަމް އެކްސްޕޯޓިންގ ކަންޓްރީސް އިން މަހުން މަހަށް ނެރޭ މާކެޓް ރިޕޯޓުގެ އެންމެ ފަހުން ނެރުނު ރިޕޯޓު ދައްކާގޮތުން ދުނިޔޭގެ ތިންވަނައަށް އެންމެ ގިނައިން ތެޔޮ ބޭނުންކުރާ ޤައުމުކަމަށްވާ އިންޑިއާއިން 2022 ވަނަ އަހަރު ތެލަށް އޮންނަ ޑިމާންޑު އިތުރުވެގެންދާނެކަމަށްވަނީ ލަފާކޮށްފައެވެ.

އޮޕެކުގެ މާކެޓް ރިޕޯޓުގައި ހާމަކޮށްފައިވާގޮތުން މިއަހަރު އިންޑިއާއިން ސާފުނުކުރާ ތެލަށް އޮންނަ ޑިމާންޑު، ދުވާލަކު 390000 ފީފާ އިތުރުވާނެއެވެ. އެހެންކަމުން މި ޢަދަދު އެ ޤައުމުގެ ޖަނަވަރީމަހު ތެޔޮ ބޭނުންކުރި މިންވަރުކަމަށް ދައްކާ ދުވާލަކު 4.5 މިލިއަން ފީފާގެ ރޭޓަށް އިތުރުވެގެންދާނެއެވެ.

2020ވަނަ އަހަރާއި 2021ވަނަ އަހަރަށް ބަލާއިރު އިންޑިއާގައި ތެލަށް އޮތް ޑިމާންޑު ވަނީ 5.61 އިންސައްތަ އިތުރުވެފައެވެ. އެގޮތުން ފާއިތުވި ދެ އަހަރު ތެޔޮ ބޭނުންކުރާ މިންވަރު ދުވާލަކު 4.51 މިލިއަން ފީފާއިން 4.76 މިލިއަން ފީފާއަށް އިތުރުވެފައިވެއެވެ. ނަމަވެސް 2019ވަނަ އަހަރު މި ޢަދަދު ހުރީ ދުވާލަކު 4.99 މިލިއަން ފީފާގައެވެ. އެހެންކަމުން އިންޑިއާއިން ޕެންޑަމިކުގެ ކުރީގެ ޑިމާންޑަށް އަދި ވާޞިލެއް ނުވެއެވެ.

އިންޑިއާގެ މާލީ އަހަރު އޭޕްރިލް 1އިން ގުނަން ފަށާއިރު، މިއަހަރު އެ ޤައުމުގެ އިޤްތިޞާދީ ދުވެލި 7.2 އިންސައްތަ ކުރިއަރާނެކަމަށް އޮޕެކުން ލަފާކުރެއެވެ. އޮޕެކުން ބުނީ ކޯވިޑް-19އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ލިބެމުންދާތީ އިންޑިއާގައި ދަތުރުފަތުރުކުރުން ގިނަވެ، ޕެޓްރޯލާއި ޑީސެލަށް އޮންނަ ޑިމާންޑު އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި އިޤްތިޞާދީ ދުވެލި ހަލުއިވުމުން ކާރުޚާނާތަކުގެ މަސައްކަތް ބާރުވެ، ޑީސެލާއި، ނަފްތާއާއި، ލިކުއިފައިޑް ޕެޓްރޯލިއަމް ގޭހަށް ޑިމާންޑު ބޮޑުވާނެއެވެ.

މީގެ އިތުރުން މި ހިނގާ ފިސްކަލް އަހަރު އިންޑިއާގައި ފިއުލް ޑިމާންޑު، ޕެންޑަމިކުގެ ކުރީގެ މިންވަރަށްވުރެ އިތުރުވެގެންދާނެކަމަށް ޕެޓްރޯލިއަމް ޕްލޭނިންގ އެންޑް އެނަލިސިސް ސެލްގެ ދިރާސާތަކުން ދައްކައެވެ. އެ ކުންފުނިން ހާމަކޮށްފައިވާގޮތުން މި ހިނގާ ފިސްކަލް އަހަރުގެ ފުރަތަމަ 3 ކުއާޓަރުގައި ފިއުލް ބޭނުންކޮށްފައިވާ މިންވަރު 165.7 މިލިއަން ޓަނަށް އަރައެވެ.

އިންޑިއާއަކީ ދުނިޔޭގެ އެންމެ ބޮޑެތި އިޤްތިޞާދުތަކުގެ ތެރޭގައި ހިމެނޭ އަދި ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ޤައުމު ކަމަށްވާއިރު، އެ ޤައުމުން ބޭނުންކުރާ ތެލުގެ 85 އިންސައްތައަކީ އިމްޕޯޓުކޮށްގެން ހޯދާ ތެލެވެ.