ކުޅިވަރު

ފަސޭހަކަމާއެކު ސައިކްލޯންއިން ގައުމީ ބާސްކެޓް މުބާރާތް ކާމިޔާބުކޮށްފި


15ވަނަ ގައުމީ ބާސްކެޓް ބޯޅަ މުބާރާތުގެ ޗެންޕިއަންކަން ސައިކްލޯން ބާސްކެޓްބޯޅަ ކްލަބުން ހޯދައިފިއެވެ. ސައިކްލޯންއިން ވަނީ ގައުމީ ބާސްކެޓް ލީގްގެ ޗެންޕިއަންކަންވެސް ހޯދާފައެވެ. ގައުމީ ބާސްކެޓް މުބާރާތުގެ ޗެންޕިއަންކަން ސައިކްލޯންއިން ހޯދާފައިވަނީ ބެންޗް ސްޕޯޓްސް ކުލަބާއި ވާދަކޮށް ފަސޭހަކަމާއެކު 52ގެ ތަފާތުން މެޗް ކާމިޔާބުކޮށްގެންނެވެ. އެއީ 95 ޕޮއިންޓް 43 ޕޮއިންޓުންނެވެ.

މިމެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ ސައިކްލޯންއިންނެވެ. އެގޮތުން އެޓީމްގެ ބިދޭސީ ކުޅުންތެރިޔާ ސާބިއާގެ އަނާ ބްރޮނޮވްޔަކް ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އަދި އެޓީމްގެ ޝައިލާންގެ ފަރާތުންވެސް މެޗްގައި މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ. މެޗްގެ ފުރަތަމަ ކުއަޓަރއިން ފެށިގެންވެސް ސައިކްލޯންއިން ކުޅުނީ ލީޑްގައި އޮވެގެންނެވެ. ފުރަތަމަ ކުއަޓަރ ނިމުނުއިރު، ސައިކްލޯއިން ވަނީ 11 ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. މެޗްގައި ބެންޗް ސްޕޯޓްސް ކުލަބްގެ ފަރާތުން މާރަގަނޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ. ނަމަވެސް ބައެއް ވަގުތު ތަކުގެ ތެރޭގައި ބެންޗުން ކުޅުން ރަގަނޅުކޮށް، ޕޮއިންޓްވެސް ހޯދިއެވެ. ނަމަވެސް އެޓީމަށް އެއްވަރެއްގައި ކުޅުން ހިފަހައްޓާލެވޭ ގޮތެއް ނުވިއެވެ.

ދެއަހަރު ދުވަހުގެ މެދު ކެޑުމަކަށްފަހު ސައިކްލޯން ވަނީ ގައުމީ ލީގު އަދި ގައުމީ މުބާރާތުގެ ޗެންޕިއަންކަން ހޯދިއިރު، ކޮންމެ މެޗެއްގައިވެސް އެޓީމު ވަނީ ބޮޑު ތަފާތަކުން މޮޅުވެފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ސައިކްލޯންގެ ބިދޭސީ ކުޅުންތެރިޔާ ސާބިއާގެ އަނާ ބްރޮނޮވްޔަކްއެވެ. ސައިކްލޯންއާއެކު ދެ ތަށި، ރެޑް ވިންގްސްއަށް ވީކެންޑް ބާސްކެޓްބޯޅަ ލީގުގެ ޗެންޕިއަންކަން ހޯދި ކޯޗް އަހްމަދު ނަޒީފް ބުނީ މިއީ ލިބުނު ވަރަށް ބޮޑު ފަހުރެއްކަމަށާއި ސައިކްލޯނާއެކު ހޯދި ކާމިޔާބީއަކީ ވަރަށް މުހިންމު ކާމިޔާބީއެއްކަމަށެވެ. އަދި ގައުމީ މުބާރާތުގެ ފައިނަލް މެޗަށް ނިކުތީ މޮޅުވާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮވެގެންކަމަށާއި މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއްކަމަށް ކޯޗް ނަޒީފް ބުންޏެވެ.

ބެންޗް ސްޕޯޓްސް ކުލަބްގެ ކޯޗް މުޙައްމަދު ޝާހިދު ބުނީ ފައިނަލް މެޗަށް ނިކުތްއިރު، މެޗްގައި ވާދަވެރި ކުޅުމެއް ދެއްކޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމަށާއި ނަމަވެސް މެޗްގެ ފުރަތަމަ ކުއަޓަރގައި ސައިކްލޯންއިން ބޮޑު ލީޑެއް ނެގުމާއެކު ފަހަތުން އަރާ މެޗް ހޯދުމަށް ގިނަ އުދަގޫތަކާއި ކުރިމަތީ ވީކަމަށްވެސް ޝާހިދު ބުންޏެވެ. އަދި ޚާއްސަކޮށް، ލިބޭ ފުރުސަތުގެ ބޭނުން ކުޅުންތެރިންނަށް ނުހިފުމަކީވެސް މެޗުން ބަލިވާން ދިމާވި އެއް ސަބަބުކަމަށް ބެންޗް ސްޕޯޓްސް ކުލަބްގެ ކޯޗް މުހައްމަދު ޝާހިދު ބުންޏެވެ.