ކުޅިވަރު

ޓީސީ އާއި ޔޫވީ މެޗް އެއްވަރު


އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗް އެއްވަރުވެ، ލީގުގެ ފުރަތަމަ ބުރު ނިމުނިއިރު، ޓީސީއަށް ގަދަ 4 ޖާގަ ޔަގީންވެއްޖެއެވެ. އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ އާއި ޓީސީ ސްޕޯޓްސް ކުލަބް ވާދަކުރި މެޗް އެއްވަރުވެފައިވަނީ 3 ލަނޑު 3 ލަނޑުންނެވެ.

މެޗް ފަށައިގެން ދެ ޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، މެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހައި ލީޑު ނަގަން ފުރުސަތު ލިބުނީ ޔުނައިޓެޑް ވިކްޓްރީއަށެވެ. މެޗްގެ 9ވަނަ މިނެޓްގައި މުސައްނިފު އަހުމަދު ޔޫވީއަށް ގޯލެއް ޖެހި ނަމަވެސް، ރެފްރީ ވަނީ އެއީ އޮފްސައިޑް ލަނޑެއްކަމަށް ނިންމާ، ލަނޑު ބަލައިނުގެންފައެވެ. ފުރުސަތުގެ ބޭނުން ޔޫވީއަށް ނުހިފުނުއިރު، މެޗްގެ 12ވަނަ މިނެޓްގައި ޓީސީއިން ވަނީ ލަނޑެއް ޖަހައި ލީޑް ނަގާފައެވެ. މިލަނޑު ޓީސީއަށް ކާމިޔާބުކޮށްދިނީ ހަމްދޫން ޢަބްދުއްލަތީފެވެ. ޓީސީއިން ލަނޑު ޖެހުމާއެކު ޔޫވީއިން ކުރިއަށް ޖެހިލައިގެން ކުޅެން ފެށިއެވެ. އެގޮތުން މެޗްގެ 21ވަނަ މިނެޓްގައި ޔޫވީއިން ވަނީ ލަނޑެއްޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗްގައި އެއްވަރު ކުރި ލަނޑު ޔޫވީއަށް ކާމިޔާބުކޮށްދިނީ ބެލަރޫސް ފޯވާޑް އިވާން ވެރާސްއެވެ. މެޗްގައި ދެ ޓީމަށްވެސް ގޯލް ޖަހާނެ ފުރުސަތު ލިބުނުއިރު، ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުންވަނީ ރެފްރީގެ ބައެއް ނިންމުންތަކާއި ދެކޮޅަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. މެޗްގައި ޔޫވީއިން ފުރަތަމަ ފަހަރަށް ލީޑް ނެގީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ. މިލަނޑު ޔޫވީއަށް ކާމިޔާބުކޮށްދިނީ ޢަލީ ހައިޝަމެވެ.

މެޗްގެ ދެވަނަ ހާފްގައިވެސް ދެ ޓީމުން ވެސް ގޯލް ޖެހުމަށް ފުރުސަތު ތަނަވަސް ކުރިއެވެ. ޓީސީއިން އެއްވަރު ކުރި ލަނޑު މެޗްގެ 63ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޒަޔާން ނަސީރުއެވެ. މެޗްގައި ޔޫވީއަށް ވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތު ލިބިގެންދިޔަ ނަމަވެސް، އޭގެ ބޭނުން އެޓީމަށް ހިފޭ ގޮތެއް ނުވިއެވެ. މެޗްގެ 80ވަނަ މިނެޓްގައި ޓީސީގެ ސަލާހުވަނީ އެޓީމަށް ގޯލެއް ޖަހާ ލީޑް ނަގާފައެވެ. ނަމަވެސް ޓީސީއަށް ލީޑްގައި އޮވެވުނީ ތިން މިނެޓް ވަންދެންނެވެ. މެޗްގެ 83ވަނަ މިނެޓްގައި ޔޫވީއަށް އެއްވަރުކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އިވާން ވިރާސްއެވެ.

މިމެޗް އެއްވަރުވުމާއި ގުޅިގެން ޓީސީ އަށް ވަނީ މި ބުރުގައި ގަދަ ހަތަރެއް ޔަގީންވެފައެވެ. ޓީސީއަށް 7 މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، އެޓީމް އޮތީ ތާވަލްގެ 4ވަނައިގައެވެ. ޔުނައިޓެޑް ވިކްޓްރީއަށް 7 މެޗުން 9 ޕޮއިންޓް ލިބިފައިވާއިރު، ޔޫވީ އޮތީ ތާވަލްގެ 5 ވަނައިގައެވެ.