ޚަބަރު

ބީއެމްއެލްއިން މާލެ ސުވިމިންގ ޓްރެކާއި ހުޅުމާލެ ފޭސް 2ގެ ބީޗު ސާފުކޮށްފި


ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މާލެ ސުވިމިންގ ޓްރެކް އަދި ހުޅުމާލެ ފޭސް 2 ބީޗް ސަރަހައްދު ސާފުކުރުމުގެ ހަރަކާތްތަކެއް މިއަދު ހެނދުނު ބާއްވާފައިއެވެ.

މި ހަރަކާތަކީ ބީއެމްއެލްގެ މުވައްޒަފުން އިސްނަގައިގެން މާރިޗު މަހުގެ 20 ވަނަ ދުވަހު ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ކުރިޔަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 6:00 އިން ފެށިގެން 9:00 އަށެވެ. މިއީ ސުވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް، ޑައިވް ކްލަބް މޯލްޑިވްސް، ޑައިވް ޑެސްކް އަދި ޕާރލޭއާ ގުޅިގެން ހިންގުނު ހަރަކާތެކެވެ.

ބީއެމްއެލްގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް މުހައްމަދު ސައީދު ވިދާޅުވީ މީގެ 3 އަހަރުކުރިންވެސް ބީއެމްއެލްއިން ސްވިމިންގް ޓްރެކް ސާފްކުރިކަމަށާއި އޭރާ އަޅާބަލާއިރު މިހާރު ސްވިމިންގ ޓްރެކް ސަރަހައްދު ސާފުކަމަށް ފާޙަގަކުރެވޭކަމަށެވެ. އެހެންނަމަވެސް އަދިވެސް ކޮންމެވެސް ވަރަކަށް ދަޅާއި ޕްލާސްޓިކް ފުޅި މޫދަށް އަޅާފައި ހުންނަތަން ފެންނަކަމަށާއި ބީއެމްއެލްގެ އެދުމަކީ އެންމެހާ ބޭފުޅުންވެސް އެތަނުގައި ހުންނަ ޑަސްބިން ބޭނުންކުރައްވާ، މޫދަށް ކުނި ނޭޅުންކަމަށް ސައީދު ވިދާޅުވިއެވެެ.

" ހުޅުމާލެ ފޭސް 2ގެ ސަރަހައްދަށް ބަލާއިރުވެސް އަތިރިމައްޗާއި ގޮނޑުދޮަށުގައި ގިނަ ޕްލާސްޓިކް ކޮތަޅާއި ފުޅި ހުރި. ހުޅުމާލެގެ ބީޗް ސަރަހައްދުގެ އެއްބައި މިއަދު ސާފުުކުރެވުނު އިރު 500 ކިލޯގެ ކުނި ނެގެނު. މި ހަރަކާތުގައި މުވައްޒަފުންގެ ބައިވެރިވުން ވަރަށް ފުރިހަމައަށް ލިބުނު" ސައީދު ވިދާޅުވިއެވެ.

ބީއެމްއެލްއިން ބުނީ މިއާދު ސާފުކުރި ދެ ސަރަހައްދުން 755 ކިލޯގެ ކުނި ނަގާފައިވާކަމަށާއި މީގެތެރެއިން 84 ކިލޯގެ ޕްލާސްޓިކް ވަނީ ރީސައިކަލް ކުރުމަށް ފާރލޭއާ ހަވާލުކޮށްފައިކަމަށެވެ.

މި ހަރަކާތުގައި ބީއެމްއެލްގެ 80 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުވެސް އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ އިންޓަރނޭޝަނަލް ޑޭ އޮފް ހެޕިނަސްއާ ގުޅުވައިގެން ވ. ފެލިދޫ، ލ. ފޮނަދޫ އަދި ހދ. ކުޅުދުއްފުށީގައި ހަރަކާތްތަކެއް ހިންގާފައެވެ.