ދުނިޔެ

އިރާޤަށް އެމެރިކާގެ ޚާއްސަ ސިފައިން ފޮނުވައިފި


އެމެރިކާ ސިފައިންގެ ތެރޭގައި ހިމެނޭ ޚާއްސަ ބާރުތައް ނުވަތަ "ސްޕެޝަލް އޮޕަރޭޝަން ޓްރޫޕްސް" އިރާޤަށް މިހާރު ފޮނުވާފައިވާނެކަމަށް އެމެރިކާގެ ދިފާއީ ވަޒީރު އޭޝްޓަން ކާޓަރ ވިދާޅުވެއްޖެއެވެ.އެމެރިކާގެ ކެންޓަކީ ސްޓޭޓްގައި ބޭއްވި އަސްކަރީ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުން ކާޓަރ ވިދާޅުވީ ވައިގެ މަގުން ހަރަކާތްތެރިވާ އެމެރިކާގެ ޚާއްސަ ބާރުތައް އިރާޤަށް ފޮނުވީ އައިއެސްއާއި ދެކޮޅަށް އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ. އައިއެސްއާއި ދެކޮޅަށް ހަރަކާތްތެރިވާ އިރާޤުގެ ކުރުދީ ހަނގުރާމަވެރިންނާއި އަދި އިރާޤު ސިފައިންނާއި ގުޅިގެން އައިއެސްއާއި ދެކޮޅަށް މަސައްކަތް ކުރާނެކަމަށް ކާޓަރ ވިދާޅުވިއެވެ.އައިއެސް ޖަމާޢަތަކީ މުޅި ދުނިޔެއަށް ނުރައްކާ ކުރަމުންދާ ޖަމާޢަތެއްކަމަށްވެސް ކާޓަރ ސިފަކުރެއްވިއެވެ. އެމެރިކާ ވަނީ "ސްޕެޝަލް އޮޕަރޭޝަން ޓްރޫޕްސް" އަށް ނިސްބަތްވާ ފަންސާހަކަށް ސިފައިން މިދިޔަ އަހަރު ސޫރިޔާއަށްވެސް ފޮނުވާފައެވެ. އެމީހުން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވަނީ އައިއެސްއާއި ދެކޮޅަށް ހަރަކާތްތެރިވާ ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިންނަށް ބޭނުންވާ ޚާއްސަ ތަމްރީން ދިނުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.