ދީން

"މޫރިތި އާޔަތްތަކުން" ޕްރޮގްރާމަށް ބޮޑު ތަރުހީބެއް


މިއަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ޚާއްސަކޮށްގެން ޕީ.އެސް.އެމްގެ ޗެނަލްތަކުން ގެނެސްދޭ "މޫރިތި އާޔަތްތަކުން" ޕްރޮގްރާމުގެ ރިކޯޑިންގ ފަށައިފިއެވެ. މި ޕްރޮގްރާމަށް ބައިވެރިންގެ ފަރާތުން ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

"މޫރިތި އާޔަތްތަކުން" މި ޕްރޮގްރާމަކީ ޕީ.އެސް.އެމްގެ އެކި ޗެނަލްތައް ގުޅިގެން ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ވޭތުވެ ދިޔަ 20 އަހަރު ޓީވީއެމުން ގެނެސްދިން ކުޑަކުދިންގެ ޤުރުއާން ކިޔެވުމުގެ މުބާރާތަށް ގެނެވުނު ބައެއް ބަދަލުތަކާއެކު ގިނަ ކުދީންނަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައި، އެކުދިންގެ ހިތްތަކުގައި ޤުރުއާނަށް ލޯބި ޖެއްސުމަށް ގެނެސްދެވޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމަކީ ބަރަކާތްތެރި ރަމަޟާން މަހަކީ ކޮންމެ އަޅުކަމެއްގެ ދަރުމައާއި ސަވާބު އެތައް ގުނައެއް އިތުރުކޮށްދެއްވާ މައްސަރަކަށް ވުމާއެކު އެ މަތިވެރި މައްސަރުގައި ޤުރުއާން ކިޔެވުމާއި އަޑުއެހުމަށް ހިތްވަރުދީ، ތަޖުވީދުގެ ހަމަތަކާއެއްގޮތަށް ޤުރުއާން ކިޔެވުމަށް ބާރުއެޅުމުގެ މަޤްސަދުގައި ގެނެސްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ފެބްރުއަރީމަހުގެ ތެރޭގައެވެ.

"މިއަހަރުގެ މާތް ވެގެންވާ ރަމަޟާންމަހު ޕީއެސްއެމްއިން ކުޑަކުދިންގެ ހިތްތަކުގައި ޤުރުއާން ކިޔެވުމަށް ލޯބި އިތުރުކުރުމަށް މި ޕްރޮގްރާމް ގެނެސްދިނުމުގެ ތަނަވަސްކަން ފަހިވެގެން އައީތީ الله ސުބާހަނަހޫ ވަތަޢަލާއަށް ހަމްދުކުރަން. އަދި މި ޕްރޮގްރާމް ކާމިޔާބު ކަމާއެކީ ގެނެސްދިނުމަށްޓަކައި އަވަދިނެތި މަސައްކަތް ކުރަމުންދާ ޕީއެސްއެމްގެ މުވައްޒަފުންނަށް ޝުކުރު ދަންނަވަން" ޕްރޮގްރާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޚާލިދް ވިދާޅުވިއެވެ.

ޕީ.އެސް.އެމްގެ ޓެލެވިޜަން މޯލްޑިވްސް، ދިވެހިރާއްޖޭގެ އަޑު، މުންނާރު ޓީވީ އަދި ދީނުގެއަޑުން ގެނެސް ދިނުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވެ ކިޔެވުމުގެ ފުރުޞަތު ދެވިފައިވާނީ އުމުރުން 7 އަހަރާއި 13 އަހަރާ ދެމެދުގެ ކުދިންނަށްށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމަށްޓަކައި މިއަހަރު ޖުމްލަ 894 ކުދިން ޝައުޤުވެރިކަން ފާޅުކޮށްފައިވާއިރު، ޕްރޮގްރާމްގެ ރެކޯޑިންގ މިހާރު ވަނީ ފަށާފައެވެ. ރެކޯޑިންގ ކުރިއަށްދަނީ ޕީ.އެސް.އެމް ރޭޑިއޯ ބިލްޑިންގގެ ސެނެކޯ މާލަމުގައެވެ.

މި ޕްރޮގްރާމްގައި ކިޔަވާނެ ތަނެއް އިޚްތިޔާރުކުރުމާއި ކިޔަވަން ބޭނުންވާ ތަނެއް ފަރިތަކޮށްގެން އައިސް ކިޔެވުމުގެ ފުރުޞަތު ބައިވަރީންނަށް އޮންނާނެ އެވެ. އަދި ކޮންމެ ކުއްޖަކަށްވެސް ކިޔެވުމަށް 3 މިނިޓާއި 5 މިނިޓާ ދެމެދުގެ ވަގުތުކޮޅެއް ދެވޭ އިރު، ބައިވެރީން ނުބައިކޮށް ކިޔަވައިފިނަމަ ރަނގަޅު ކުރާނެ ގޮތާއި ތަޖުވީދުގެ ކަންކަން ބުނެދެއްވާން ޤާރީއަކު އިއްނަވާނެއެވެ.

ސްކޫލްތަކާއި ބެލެނިވެރިންގެ މެދުގައި މަޤްބޫލުކަމެއް ހޯދާފައިވާ މި ޕްރޮގްރާމަށް ކޮންމެ އަހަރަކުވެސް އިތުރުވަމުންދާ ތަރުހީބާއި އެއްބާރުލުން ބަލައިގަންނަނީ ފަޚުރުވެރިކަމާއި ޝުކުރުވެރިކަމާއެކުގައިކަން ޕީ.އެސް.އެމުން ވިދާޅުވެއެވެ.