ކުޅިވަރު

މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ލެޖެންޑުން އިންތިޒާރު ކުރާ އެވޯޑަކަށް ހަދާނަން: މަހުލޫފް


މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ދުނިޔޭގެ މަޝްހޫރު ތަރިން އެ އެވޯޑަކަށް އިންތިޒާރު ކުރާ އެވޯޑަކަށް ހެދުމަކީ އަމާޒެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. ރޭގައިވަނީ ވަރަށް ކުލަގަދަކޮށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ހަފްލާ ކުރިއަށް ގެންގޮސްފައެވެ. މިއެވޯޑް ހަފްލާގައި ވަނީ ކުޅިވަރުގެ އެކި ދާއިރާތަކުން އެވޯޑު ދީފައެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި ބައިވެރިވުމަށް ދުނިޔޭގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއި އެތްލީޓުން ވަނީ ބައިވެރިވެފައެވެ. މިއެވޯޑްގައި ވަނީ ރާއްޖެއިން ބޭރުން މިއެވޯޑް ނައިޓްގައި ބައިވެރިވުމަށް އައި އެތުލީޓުންނަށް ސްޕޯޓްސް އައިކަން އެވޯޑް ދީފައެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ވާހަދަކަމުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވީ މިއެވޯޑަކީ ވަރަށް ގިނަ ގޮތްގޮތުން ފާހަގަކޮށްލެވޭ އެވޯޑެއްކަމަށާއި މިއަންނަ އަހަރު މިއަށްވުރެއް، ކަންކަން ރަގަނޅުކޮށް އަދި ކުލަގަދަކޮށް، މިއެވޯޑް ބޭއްވުމަށް މަސައްކަތް ކުރާނެކަމަށެވެ. މިނިސްޓަރ މަހުލޫފް ވިދާޅުވީ އެހެންގައުމްތަކެކޭ އެއްފަދައިން ރާއްޖެއިންވެސް ކުޅިވަރުގެ ލެޖެންޑުން ގެނެސްގެން އެވޯޑް ނައިބް ބޭއްވުމަކީ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދިއުމަށް އެޅޭނެ ވަރަށް ބޮޑު ފިޔަވަޅެއްކަމަށެވެ. ޚާއްސަކޮށް، މޯލްޑިވްސް ސްޕޯޓްސް އެވޯޑަށް އައި ތަރިންނާއި ކުޅިވަރުގެ ވަޒީރުންނަށް މިކަމުގައި ބައިވެރިވެވަޑައި ގަތްކަމަށްޓަކައި މިނިސްޓަރ އަހުމަދު މަހުލޫފް ވަނީ އެކަމަށް ޝުކުރު އަދާކޮށްފައެވެ.

ޔޫތު މިނިސްޓްރީއިން މިހާރުވަނީ 30 ރަށެއްގައި ފުޓްބޯޅަ ދަނޑު ގާއިމްކޮށް ނިންމާފައިވާއިރު، އިތުރު 60 ރަށުގައި މަސައްކަތް ދަނީ ކުރިއަށެވެ. 6 އައުޓްޑޯ ވޮލީ ކޯޓް ނިންމާ، 50އަށް ވުރެއް ގިނަ ޒަމާނީ ވޮލީ ކޯޓްގެ މަސައްކަތް ކުރިއަށް އެބަދެއެވެ. އަދި 3 ރަށެއްގައި އިންޑޯ ވޮލީ ކޯޓުގެ މަސައްކަތް ކުރިއަށްދާއިރު، އިތުރު 10 ރަށެއްގައި އިންޑޯ ވޮލީ ކޯޓް އެޅުމަށްވަނީ ބީލަމަށް ލާފައެވެ. އަދި މީގެ އިތުރުންވެސް އެހެން ކުޅިވަރު ވަސީލަތްތައް ވެސް ގާއިމް ކުރުމަށް ޔޫތު މިނިސްޓްރީއިން ދަނީ މަސައްކަތް ކުރަމުންނެވެ.