ދުނިޔެ

ސޫރިޔާގެ މައްސަލައިގައި މުހިއްމު ބައްދަލުވުމެއް ބާއްވަައިފި


އދ. އިން ސޫރިޔާއަށް ކަނޑައަޅާފައިވާ މަންދޫބު ސްޓެފަން ޑިމިސްޓޫރާ، ޖެނީވާގައި ތިއްބަވާ ދުނިޔޭގެ ބޮޑު ފަސްބާރުގެ ދާއިމީ މަންދޫބުންނާ ބައްދަލުކުރައްވައިފިއެވެ. އެމެރިކާ، ރަޝިޔާ، ޗައިނާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތުގެ މަންދޫބުންނާ ޑިމިސްޓޫރާ ބައްދަލުކުރެއްވީ މިމަހުގެ 25 ގައި ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތަކަށް ބޭނުންވާ އެއްބާރުލުން އެޤައުމުތަކުން ހޯދުމަށްކަމަށް އދ. އިން ބުނެއެވެ.އދ. ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްޙައިގެ ވާހަކަތައް ބިނާވެފައިވަނީ ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ މަންދޫބުންނާ އެގައުމުގެ ސަރުކާރުގެ މަންދޫބުން ސީދާ ގޮތެއްގައި ބައްދަލުކުރައްވައި ހަނގުރާމަ ހުއްޓާލުމާމެދު ގޮތްތަކެއް ނިންމުމުގެ މައްޗަށެވެ. މި ވާހަކަތަކުގައި ބައިވެރިވާނެކަން ސޫރިޔާ ސަރުކާރާއި އިދިކޮޅު ފަރާތްތަކުންވެސްވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް ސޫރިޔާގެ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި ހިމެނޭ ޓެރަރިސްޓް ޖަމާއަތްތައް މިވާހަކަތަކުގައި ބައިވެރި ނުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވާއިރު ޓެރަރިސްޓް ޖަމާއަތްތަކާއި އެނޫން ޖަމާއަތްތައް ވަކިކުރެވޭނެ ގޮތެއް އަދި ވަނީ ނުވެފައެވެ.