ޚަބަރު

ބީއެމްއެލްއިން ޖަމިއްޔާތަކަށް އެހީވުމަށް "ސްމޯލް ގްރާންޓްސް" އިފްތިތާހްކޮށްފި


ބޭންކް އޮފް މޯލްޑިވްސްއިން 'ބީއެމްއެލް ސްމޯލް ގްރާންޓްސް' ފަންޑް އިފްތިހާހުކޮށްފިއެެވެ.

މިއީ ނޮވެންބަރުމަހު ފާހަގަކުރުމަށް ހަމަޖެހިފައިވާ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާއި ހަމައަށް ހިންގުމަށް ހަމަޖެހިފައިވާ މުޖުތަމައަށް ފައިދާހުރި މުހިއްމު 12 ހަރަކާތުގެ ތެރެއިން ހިންގުމަށް ނިންމާފައިވާ އެއް ހަރަކާތެވެ.

ބީއެމްއެލް ސްމޯލް ގްރާންޓްސް ފަންޑް ހުޅުވާލެވިފައިވަނީ ޖަމިއްޔާތަކުން ހިންގަން ބޭނުންވާ ދެމެހެއްޓެނެވި ތަރައްގީއާއި ތިމާވެށީގެ ކަންކަމަށް އަމާޒުވާ މުޖުތަމައަށް ފައިދާކުރަނިވި ޕްރޮޖެކްޓްތައް ހިންގުމަށެވެ. މި ފަންޑަށް ހުށަހެޅޭ ޕްރޮޖެކްޓްތަކުގެ ތެރެއިން 8 ޕްރޮޖެކްޓް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ކުރިޔަށް ގެންދިއުމަށް 250000 ރުފިޔާ ލިބޭނެކަމަށް ބީއެމްއެލުން ބުނެއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ މި ހިލޭ އެހީގެ ދަށުން ކުދި ވިޔަފާރިއާއި މެދު ފަންތީގެ މުޖުތަމައަށް ފައިދާކުރަނިވި ތިމާވެށީގެ މައްސަލަތަކަށް އަމާޒުކޮށް ހިންގޭ ޕްރޮޖެކްޓްތަކަށް އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

"މި އެހީއާކު ތިމާވެށީގެ މައްސަލަތަކަށް ހައްލު ހޯދައި، މުޖުތަމައުއަށް ދެމެހެއްޓެނިވި ތަރައްގީއެއް ގެނެވޭނެ. އަޅުގަނޑުމެންގެ އުންމީދަކީ މިދާއިރާގައި މަސައްކަތްކުރައްވަމުންދާ ވީހާވެސް ގިނަ ޖަމިއްޔާތަކަކުން މި ފުރުސަތުގެ ބޭނުންކޮށް މުޖުތަމައަށް ބަދަލުގެނެސްދިނުން" ސީއީއޯ ޓިމް ސޯޔަރ ވިދާޅުވިއެވެ.

މި އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މޭމަހުގެ 15ވަނަ ދުވަހެވެ. 31 ޑިސެންބަރު 2021 ގެ ކުރިން ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ޖަމިއްޔާތަކަށް މި ހިލޭ އެހީއަށް އެދި ހުށަހެޅޭނެކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.

40 ވަނަ އަހަރީ ދުވަހާ ހަމަޔަށް ކޮންމެ މަހަކު ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރެއިން މިހާތަނަށް ހިންގާފައިވާ ހަރަކާތްތައް:
1-ފެބްރުއަރީ - ހައުސިންގ ގްރާންޓް
2-ޖަނަވަރީ - ބީއެމްއެލް ސްޓާރޓްއަޕް ގްރާންޓް
3-ޑިސެންބަރު - ގައުމީ ކުތުބުހާނާ އިތުރަށް ތަރައްގީކޮށް ޒަމާނީ ބަދަލުގެނައުން
4-ނޮވެންބަރު - ބީއެމްއެލް ސްކޮލާޝިޕް ފަންޑު

ސްމޯލް ގްރާންޓްސް އަށް އެދި ހުށަހަޅާ ފޯމު، އަދި ޝަރުތުތަކާ އަދި އިތުރު މައުލޫމާތު ttps://www.bankofmaldives.com.mv/bml-small-grants އިން ލިބޭނެކަމަށް ބީއެމްއެލުން ވިދާޅުވިއެވެ.