ޚަބަރު

އިންޑިޔާ ކަނޑުގެ ރީނދޫއުރަހަ ކަންނެލި ސީފުޑްވޮޗްއިން ރެޑްލިސްޓްކޮށްފި


އިންޑިއާ ކަނޑުން ބާނާ ރީނދޫ އުރަހަ ކަންނެލި ރެޑް ލިސްޓްކޮށް އެބާވަތުގެ ކަންނެލި އެމެރިކާގެ ސީފުޑް ވޮޗްއިން ރެޑްލިސްޓްކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ އެމެރިކާގެ މޮންޓެރޭ ބޭ އަކުއޭރިއަމްގެ ސީފުޑް ވޮޗްއިން ވަނީ ރާއްޖެވެސް ހިމެނޭގޮތަށް އިންޑިޔާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލި ރެޑްލިސްޓްކޮށް، އެގަތުން ހުއްޓުވާފައިވާކަމަށެވެ. އެއީ އިންޑިޔާ ކަނޑުގެ ރީދޫއުރަހަ ކަންނެލީގެ ސްޓޮކަށް ގެއްލުން ލިބިފައިވާތީ އަދި ސްޓޮކު އާލާކުރުމަށް އައިއޯޓީސީ މެދުވެރިކޮށް ފިޔަވަޅުނޭޅޭތީކަމަށެވެ.

ރެޑްލިސްޓްކުރި އެމެރިކާގެ ސީފުޑް ވޮޗްއަކީ މޮންޓެރީ ބޭ އަކުއޭރިއަމް އާ ގުޅިގެން ތިމާވެއްޓާ ކަންޑުގެ ދިރުން ހިމާޔަތްކޮށް ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަން ކުރުމަށް މަސައްކަތް ކުރާ ޖަމްއިއްޔާއެކެވެ. ހަބަރުތައް ބުނާގޮތުން މި ފިޔަވަޅު އެޅީ އިންޑިއާ ކަނޑުން މަސްވެރިކަންކުރާ 32 ގައުމުގެ ތެރެއިން ބައެއް ގައުމުތަކުން ސްޓޮކް އިތުރުކުރުމަށާއި މަސްވެރިކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރުމަށް އެއްބާރުލުން ނުދޭތީއެވެ. މީގެ ތެރެއިން ގިނަ ގައުމުތަކަކީ ދާ އަޅައިގެން މަސްވެރިކަން ކުރާ ޤައުމުތަކެވެ. އެގޮތުން އިންޑިއާ ކަނޑުން ބާނައިގެން އެޤައުމަށް އެކްސްޕޯޓްކުރާ ހުރިހާ މަހަކީ މިގޮތަށް ބާނަ މަސްކަމަށް އޮންނަނީ ސިފަކުރެއެވެ.

އައި.އޯ.ޓީ.ސީގައި ހިމެނޭ ގައުމުތަކާއެކު މަޝްވަރާކޮށް ދެމެހެއްޓެނިވި މަސްވެރިކަމެއްކުރުމަށް އެއްބަސްނުވެއްޖެނަމަ ބޮޑު ގޮންޖެހުމަކަށް ވެގެންދާނެކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ދެކެއެވެ.

ސްޓޮކް ދަށްވެފައިވާ މަސްވެރިކަން ފުޅާކުރާނަމަ، އިންޑިއާ ކަނޑުން ބާނާ މަސް ނުގަތުމަށް އެހެނިހެން ގައުމުތަކުގެ ބޮޑެތި ކުންފުނިތަކަށް ބާރު އެޅުމަށް ތިމާވެށިގެ ޖަމިއްޔާތަކުން މަސައްކަތް ކުރަމުންދާނެކަމަށް ވުޒާރައިން ދެކެއެވެ.

އިންޑިއާ ކަނޑުގެ ރީނދޫ އުރަހަ ކަންނެލީގެ ސްޓޮކް މަދުވަމުން ދިޔުމާއި މިކަމަށް އެދެވޭ ފިޔަވަޅުތަކެއް އަޅަމުން ނުދާ ކަމަށް ބުނެ ރީނދޫ އުރަހަ ކަންނެލި ބޮއިކޮޓު ކުރުމަށް ޔޫރަޕްގެ ބައެއް ގައުމުތަކުންވެސް މިދިޔަ އަހަރުވަނީ ގޮވާލާފައެވެ. ނަމަވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބުމަކީ ރާއްޖޭގެ މަސްވެރިން ބާނާ މަސް އެގައުމުތަކަށް އެކްސްޕޯޓް ނުކުރެވެންވީ ސަބަބެއް ނޫންކަމަށް މަސްވެރިކަމާ ބެހޭ ވުޒާއިން ބުނެއެވެ.

މިނިސްޓަރ ހުސެއިން ރަޝީދު އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ މިމަހުގެ 13 އިން 15 އަށް އެގައުމުގައި ބޭއްވި ސީފުޓް އެކްސްޕޯގައި ބައިވެރިވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިދަތުރުފުޅުގައި މިނިސްޓަރ ޑރ.ހުސެއިންއާއެކު ޑިރެކްޓަރ ޖެނެރަލް އާދަމް ޒިޔާދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސީފުޑް އެކްސްޕޯއަށްފަހު ދެމެހެއްޓެނިވިގޮތެއްގައި މަސްވެރިކަންކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މުހިއްމު މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މިއީ އެގޮތުގެ މަތިން ކުރިއަށްގެންދިޔަ ބައދަލުވުމެއްކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.