ޚަބަރު

ރަޝިޔާއަށް ނިޞްބަތްވާ 15000 ރެއިލްވޭ އުޅަނދު ޔޫކްރެއިންގެ މިލްކިއްޔާތަށް


ޔޫކްރޭނިއަން ރެއިލްވޭސް ކުންފުނިން އެ ޤައުމުގައި ހުރި ރަޝިޔާގެ ހިއްސާ ހިމެނޭ ރެއިލްވޭ އުޅަނދުތަކުގެ މިލްކިއްޔާތު ބަދަލުކޮށް، އެތަކެތި ދައުލަތަށް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.

ޔޫކްރެއިން ދައުލަތުގެ ހިއްސާ އޮންނަ ޔޫކްރޭނިއަން ރެއިލްވޭސް ކުންފުނިން މަސައްކަތްކުރަމުންދަނީ އެ ޤައުމުގައި ހުރި ރަޝިޔާގެ ހިއްސާ އެކުލެވޭ 15000 އުޅަނދު ދައުލަތުގެ މިލްކިއްޔާތުގެ ދަށަށް ބަދަލުކުރުމަށެވެ. 250 ކުންފުންޏަކަށް ނިޞްބަތްވާ މި އުޅަނދުތައް މިވަގުތު ހުރީ ޔޫކްރެއިނުގެ ރޭލު ދަތުރުކުރާ މަގުތައް މަތީގައެވެ.

ރެއިލްވޭ ނެޓްވޯކުގެ ޗެއަރމަން އަލެކްސަންދުރަ ކަމޯޝިން ވިދާޅުވީ ރޭލުމަގުން މީހުންނާއި މުދާ އުފުލުމަށް ބޭނުންކުރާ މި އުޅަނދުތަކުގެ ސަބަބުން ޔޫކްރެއިނުގެ އިޤްތިޞާދަށް ފައިދާކުރާނެކަމަށެވެ. އެގޮތުން ޔޫރަޕާއި ދިމާލަށް ދަތުރުކުރުމަށް އައު ލޮޖިސްޓިކްސް މަގުތަކެއް އެކުލަވާލަމުންދާއިރު އެ މަގުތަކުން ދަތުރުކުރުމަށާއި، ވިޔަފާރި މުދާ ދައުރުކުރުމަށްވެސް ފަސޭހަވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

އަލެކްސަންދުރަ ކަމޯޝިން ވިދާޅުވީ ސްބާބޭންކު ހިމެނޭހެން ރަޝިޔާގެ 5 ކުންފުންޏަޔަށް ނިޞްބަތްވާ 3000 ރެއިލްވޭ އުޅަނދު މީގެތެރޭގައި އެބައޮތްކަމަށާއި، ބާކީހުރި އުޅަނދުތަކުގެ ވެރިފަރާތް ހޯދައި އެމީހުންގެ ކުންފުނިތަކުގެ ހިއްސާގައި ރަޝިޔާގެ ބައިވެރިވުން އޮވޭތޯ ދެނެގަތުމަށް ވަގުތު ނަގާނެކަމަށާއި، އެ މަސައްކަތް ފަށާފައިވާކަމަށެވެ.

ޔޫކްރެއިނުގައި ހުރި ރަޝިޔާއަށް ނިޞްބަތްވާ ރެއިލްވޭ އުޅަނދުތައް ޔޫކްރެއިނުގެ ސަރުކާރަށް ނެގުމުގެ މަސައްކަތް ފަށާފައިވަނީ އެ ޤައުމުގެ ރައީސް ވޮލޮދިމީރު ޒެލެންސްކީ ސޮއިކުރައްވާ ނެރުއްވާފައިވާ ރަޝިޔާގެ މިލްކިއްޔާތުގައި ހިމެނޭ ތަކެތި ހިފެހެއްޓުން ލާޒިމުކުރާ ޤާނޫނުގެ ދަށުންނެވެ.

ރަޝިޔާއިން ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން މެދުނުކެނޑި ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކުގައި އެ ޤައުމުގެ އިންސާނީ ވަޞީލަތްތަކާއި ޢުމްރާނީ ވަޞީލަތްތައް ހަލާކުވެ، އެތައް ބިލިޔަން ޑޮލަރުގެ ގެއްލުންވެފައިވެއެވެ. މި ގެއްލުންތައް ފޫބެއްދުމުގެ ގޮތުން ވިލާތުގެ އިއްތިޙާދުންނާއި އެކި ޤައުމުތަކުން ރަޝިޔާއަށް އަޅާފައިވާ އިޤްތިޞާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ހިފަހައްޓާފައިވާ ރަޝިޔާގެ މަރުކަޒީ ބޭންކުގެ ފޮރިން އެކްސްޗޭންޖު ރިޒާވުގައި ހުރި 640 ބިލިއަން ޑޮލަރު ޔޫކްރެއިނަށް ފޯރުކޮށްދިނުމުގެ މަގު ހޯދަމުންދާކަމަށް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ.