ޚަބަރު

އޯޓީއެމް ފެއަރގެ އެންމެ ރީތި ސްޓޭންޑަކަށް ރާއްޖޭގެ ސްޓޭންޑް


އިންޑިއާގެ މުމްބާއީގައި ބޭއްވި ވަން ވޯލްޑް ޓްރެވެލް މާރކެޓް، އޯޓީއެމްގެ "ބެސްޓް ޑިޒައިން އެންޑު ޑެކޮރޭޝަން ސްޓޭންޑް" ނުވަތަ އެންމެ ރީތި ސްޓޭންޑްގެ އެވޯޑް ރާއްޖެއަށް ލިބިއްޖެއެވެ.

ފާއިތުވީ އަހަރުތަކުގައިވެސް، އޯޓީއެމް ފެއަރގައި ރާއްޖޭގެ ސްޓޭންޑަށް ވަނީ "ބެސްޓް ޑެކޮރޭޝަން ސްޓޭންޑް" ނުވަތަ އެންމެ ރީތިކޮށް ފަރުމާކޮށްފައިވަނީ ސްޓޭންޑުގެ އެވޯޑް ލިބިފައެވެ.

މިމަހުގެ 14 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދިޔަ މި ފެއަރއަކީ އިންޑިއާގައި ބާއްވާ މިފަދަ އެންމެ ބޮޑު ފެއަރއެވެ. ރާއްޖެއަށް ލިބުނު އެވޯޑާއި ހަވާލުވީ މި ފެއަރގައި ރާއްޖެ ތަމްސީލުކުރަމުންދާ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން، އެމްއެމްޕީއާރުސީގެ ފަރާތުންނެވެ.

މިއަހަރުގެ އޯޓީއެމް ފެއަރގައި ރާއްޖެއިން ބައިވެރިވެފައިވަނީ ކަންޓްރީ ޕާޓްނަރެއްގެ ގޮތުގައެވެ. އެމްއެމްޕީއާރުސީން މި ހަރަކާތުގައި ރާއްޖެ ތަމްސީލްކުރަމުން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ 18 ފަރާތަކާއި އެކުއެވެ. މި ހަރަކާތުގައި ބައިވެރިވުމުގެ މައިގަނޑު މަޤްސަދަކީ ރާއްޖެއަކީ އިންޑިއާގެ ފަތުރުވެރިން ދަތުރުކުރުމަށް އެންމެ ރައްކާތެރި އަދި އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި އިޝްތިހާރުކުރުން ކަމަށް އެމްއެމްޕީއާރުސީން ވިދާޅުވެއެވެ.

އޯޓީއެމްއަކީ އިންޑިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައްދަލުކުރުމުގެ ފުރުސަތު އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އެއް ހަރަކާތެވެ. މިއީ އިންޑިއާގައި ބާއްވާ ބައިނަލްއަޤްވާމީ ފެންވަަރުގެ މިފަދަ އެންމެ ބޮޑު ހަރަކާތްވެސްމެއެވެ. މި ހަރަކާތުގެ ޒަރިއްޔާރިން އިންޑިއާ އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތް ކުރާ ފަތުރުވެރިކަމުގެ އެކި ހިދުމަތްތަކުން އެއްތާކުން ބައްދަލުކޮށް، ޕާޓްނަރޝިޕްތައް ޤާއިމްކުރުމުގެ ފުރުސަތު ފަހިކޮށްދޭއެވެ.

މި އަހަރުގެ އޯޓީއެމް ހަރަކާތުގައި 55 ޤައުމަކުން 1100 އަށްވުރެ ގިނަ އެގްޒިބިޓަރުން ބައިވެރިވެއެވެ. މިއަހަރުގެ އޯޓީއެމްގެ ތިން ދުވަހުގެ ތެރޭގައި މި ހަރަކާތްތަށް 30000 ވުރެ ގިނަ ޓްރޭޑް ވިޒިޓާޒް ޒިޔާރަތްކުރާނެކަމަށް ލަފާކުރެއެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުޙިއްމު ޤައުމެކެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ އިންޑިއާއިންނެވެ.