ކުޅިވަރު

އޮމާން އަތުން ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ފުޓްސެލް ޓީމަށް ގެއްލިއްޖެ


އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕުގައި ގައުމީ ފުޓްސެލް ޓީމުން ކުޅުނު 2ވަނަ މެޗުން ބަލިވެ، މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ގެއްލިއްޖެއެވެ. ރާއްޖެއިން މިމުބާރާތުގައި ކުޅުނު ދެވަނަ މެޗުން ބަލިވެފައި ވަނީ އޮމާންއަތުންނެވެ. އެއީ 7 ލަނޑު 4 ލަނޑުންނެވެ. މިމުބާރާތް ކުރިއަށްދަނީ 3 ޓީމް ދެ ގުރޫޕަށް ބަހާލައިގެންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ ތައިލެންޑާއި ވާދަކޮށް 8 ލަނޑު 3 ލަނޑުންނެވެ.

ރާއްޖެއާއި އޮމާން މެޗް ފަށައިގެން މޮޅަށް ކުޅެފައިވަނީ އޮމާންއިންނެވެ. އެޓީމުން ވަނީ އަވަސް ޕާސްތަކެއް ޖެހުމަށްފަހު، އަވަސް ކުޅުމެއް ކުޅެފައެވެ. އޮމާންއިން ވަނީ މެޗް ފުރަތަމަ ހާފްގައި 4 ގޯލް ޖަހާފައެވެ. އޮމާންއިން ވަނީ މެޗްގެ 5ވަނަ މިނެޓްގައި ގޯލެއް ޖަހައި ލީޑް ނަގާފައެވެ. މިލަނޑު އޮމާން ޓީމަށް ކާމިޔާބުކޮށްދިނީ އަލްހަބްސީއެވެ. އޭގެ ފަހުންވެސް އަލްހަބް ވަނީ އޮމާންއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗްގެ 10ވަނަ މިނެޓްގައި އަލްސަމްސީ ވަނީ އޮމާންގެ 3ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި އޮމާންގެ 4ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނޫރު އަލްވާތީއެވެ.

މެޗް ކުރިއަށްދިޔަ ވަރަކުން ރާއްޖެއިން ވަނީ މެޗްގެ ތެރެއަށް ވަދެ، އޮމާންގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން މެޗްގެ 34 މިނެޓްގައި ރާއްޖެއިން ވަނީ ލަނޑެއްޖަހާފައެވެ. މިލަނޑު ރާއްޖޭގެ ޓީމަށް ކާމިޔާބުކޮށްދިނީ ޢަލީ ހާފިޒްއެވެ. ހާފިޒް މިލަނޑު ޖަހާފައިވަނީ އޮމާންގެ ކީޕަރުގެ އަތުގައި ޖައްސާފައެވެ. އަދި މެޗްގެ 35ވަނަ މިނެޓްގައި އޮމާންއިން ވަނީ އެޓީމުގެ 5ވަނަ ލަނޑު ޖަހާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްޝިބްލީއެވެ. ރާއްޖޭގެ ޓީމްގެ 2ވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ހާފިޒުއެވެ. އޮމާންއިން އެޓީމްގެ 7ވަނަ ގޯލް ޖަހައިދިނީ އަލް ސަމްސޭއެވެ. އަދި މެޗްގެ 38ވަނަ މިނެޓްގައި ރާއްޖެއިން ވަނީ 3ވަނަ ގޯލެއް ޖަހާފައެވެ. މިގޯލަކީ އޮމާންގެ ޑިފެންޑަރު އަލަވާތީ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މެޗްގެ 39ވަނަ މިނެޓްގައި އޮމާންގެ 7ވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލްބަލޫޗީއެވެ. ރާއްޖޭގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހީމެވެ. ތައިލެންޑްގައި ކުރިއަށްދާ އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް ކަޕުގައި ރާއްޖޭގެ ގައުމީ ފުޓްސެލް ޓީމުން ވާދަކުރަނީ އަންނަ މަހުގެ އޭޝިއަން ފުޓްސަލް ކަޕް ކޮލިފައިން އަށް ތައްޔާރުވުމުގެ ގޮތުންނެވެ.