ޚަބަރު

ޑެންޑީއާއި ޗިކަންގުންޔާ ކޮންޓްރޯލްކޮށް ބައްޔަށް ސަމާލުވޭ


މިދުވަސްވަރު މަދިރީގެ ޖަޒީއާއިން ފެތުރޭ ބަލިތައް މަދު ކަމުގައިވީނަމަވެސް ޑެންޑީއާއި ޗިކަންގުންޔާ ކޮންޓްރޯލް ކުރުމަށާއި ބަލިން ރައްކާތެރިކުރުވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޕީއޭއިން މަޢުލޫމާތުދެއްވި ގޮތުގައި ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ޑެންގީ ހުން ޖެހިގެން ރިޕޯޓްކޮށްފައިވާ ޢަދަދު ހުރީ ދާދި އެއްވަރެއްގައިކަމަށެވެ.

އެޗްޕީއޭއިން ވިދާޅުވީ ޖެނުއަރީ މަހުގައި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކޮށްފައިވަނީ 25554 ކޭސްއެވެ. އަދި ފެބްރުއަރީމަހު 16125 ކޭސްއެއް ރިޕޯޓްކޮށްފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. އަދި ޖެނުއަރީ މަހުގެ ތެރޭގައި އިންފްލުއެންޒާއަށް 317 މީހަކު ޓެސްޓްކޮށްފައިވެއެވެ. އޭގެ ތެރެއިން 3 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ފެބްރުއަރީ މަހު އިންފުލުއެންޒާއަށް 41 މީހަކު ޓެސްޓް ކުރިއިރު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިްވެފައެއް ނުވެއެވެ. މިއާއެކު ޖުމުލަ މިއަހަރުގެ ތެރޭގައި 358 މީހަކު އިންފުލުއެންޒާއަށް ޓެސްޓްކޮށްފައިވެއެވެ. އިންފްލުއެންޒާއަކީ ނޭވާލާ ނިޒާމުގައި އުފެދޭ ވައިރަލް ޖަރާސީމެއްގެ ސަބަބުން ޖެހޭ ރޯގާއެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖެނުއަރީމަހު 9495 މީހަކު ނޭރަށް ހިންގުމާއި ހޮޑުލުމާ ގުޅިގެން ރިޕޯޓްކޮށްފައިވެއެވެ. އަދި މިއހަރުގެ ފެބްރުއރަީ މަހު އެފަދަ 2739 ކޭސް ރިޕޯޓްކޮށްފައިވެއެވެ. މިދިޔައހަރުގެ ޖެނުއަރީ މަހު ޑެންގީގެ 15 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. އަދި 24 ކޭހެއް ފެބްރުއަރީމަހު ރިޕޯޓްކޮށްފައިވެއެވެ.

މިފަދަ ބަލިތަކުން ސަލާމަތްވުމަށް މިދުވަސްވަރު ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ރޯގާއިން ރައްކާތެރިވުމުގެ ގޮތުން، ކޯވިޑް19އިން ދިފާޢުވުމަށް އަޅަމުންދިޔަ ފިޔަވަޅުތައް ކުރިއަށްގެންދިއުމަށް ވަނީ އެދިފައެވެ.

ރޯގާޖެހިއްޖެނަމަ ކެއްސާ، ކިބިހި އަޅާއިރު އަގަމަތީގައާއި ނޭފަތުގައި ކުޑަރުމާލެއް ނުވަތަ ޓިޝޫއެއް ފަދަ އެއްޗެއް އެޅުމާއި ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ހާމައަށް އެއްލާނުލުން މުހިއްމެވެ. އަދި
ޢާއްމު ސާފުތާހިރުކަމަށް، ޚާއްސަކޮށް ސައިބޯނިލައިގެން އަތްދޮވުންފަދަ ކަންކަމަށް ސަމާލުކަންދިނުމާއި ރޯގާޖެހި ކެއްސާނަމަ ، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. ޚާއްސަކޮށް މިފަދަ ތަންތަނަށް ކުޑަކުދިން ނުގެންދިއުމާއި ރޯގާޖެހިފައިވާނަމަ ކުޑަކުދިންނާ ދުރުހެލިވެ އުޅެން ޖެހެއެވެ.

ބަލި ޖެހުމުން، ނުރައްކާ ވުމުގެ ފުރުސަތު ބޮޑު މީހުން އިންފުލުއެންޒާއިން ރައްކާތެރިވުމަށް ވެކްސިންޖެހުން މުހިންމެވެ. އަދި މި ފަރާތްތައް ރޯގާ ޖެހި ހުން އަންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިއްމެވެ. ބަލިވެގެން ޑޮކްޓަރަށް ދައްކާއިރު ބަލިމީހާ އާ އެކު ވީހާވެސް މަދުމީހުން ހޮސްޕިޓަލަށް ދިއުން، އަދި ބަލިމީހުންނަށް ޒިޔާރަތް ކުރުމަށާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި މާބަނޑުމީހުން ނުދިއުމާއި ކޮންމެހެން ހޮސްޕިޓަލަށް ދާންނުޖެހޭ ހާލަތްތަކުގައި މެނުވީ ހޮސްޕިޓަލަށް ނުދިއުން މުހިންމެވެ.