ކުޅިވަރު

ޗެންޕިއަންސް ލީގުން މެންޗެސްޓާ ޔުނައިޓެޑް ކަޓައިފި


ޔޫއެފާ ޗެންޕިއަންސް ލީގުން އެތްލެޓިކޯ މެޑްރިޑުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް އެޓީމް މުބާރާތުން ކަޓުވާލައިފިއެވެ. ޗެންޕިއަންސް ލީގުގެ ގަދަ 16ވަނަ ބުރުގެ ދެވަނަ ލެގްގައި އަމިއްލަ ދަނޑުގައި މެންޗެސްޓަރ ޔުނައިޓަޑް ބަލިވެފައިވަނީ 1 ލަނޑު 0 ލަނޑުންނެވެ. މިމެޗަށް ނިކުތްއިރު ގަދަ 16ވަނަ ބުރުގެ ފުރަތަމަ ލެގްގައި ކުޅުނު މެޗު ވަނީ 1 ލަނޑު 1 ލަނޑުން އެއްވަރުވެފައެވެ.

މެޗް ފަށައިގެން އެންމެ ފުރަތަމަ ފުރުސަތު ހޯދީ މެންޗެންސްޓަރ ޔުނައިޓެޑުންނެވެ. އެޓީމްގެ އެންތަނީ އެލަންގާއަށް ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް މީގެއިން އެއްވެސް ފުރުސަތެއްގައި އެތްލެޓިކޯގެ ގޯލް ފުއަޅުވާލެވޭ ގޮތެއް ނުވިއެވެ. މެޗްގައި އެތްލެޓިކޯ މެޑްރިޑުން އެންމެ ފުރަތަމަ ހަމަލާ އުފައްދާފައިވަނީ ރޮޑްރީގޯ ޑެ ޕޯލްއެވެ. މިހަމަލާ ހުއްޓުވާފައިވަނީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެއާއެވެ. މެޗްގެ 33ވަނަ މިނެޓްގައި އެތުލެޓިކޯގެ ޔާއޯ ފެލިކްސް ގޯލެއް ޖެހި ނަމަވެސް، އޮފްސައިޑް ވުމުގެގެ ސަބަބުން ރެފްރީވަނީ އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ. މެޗްގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗްގެ 41ވަނަ މިނެޓްގައި އެތުލެޓިކޯއަށް ކާމިޔާބުކޮށްދިނީ ރެނާން ލޮޑީއެވެ. މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ޔުނައިޓަޑްގެ ބްރޫނޯ ފެނާންޑޭސްއަށް ގޯލް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި ޔުނައިޓެޑުން ކުޅެންފަށާފައިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެންނެވެ. ނަމަވެސް ޔުނައިޓެޑުން އުފައްދަން މަސައްކަތް ކުރި ގިނަ ހަމަލާތައްވަނީ އެތްލެޓިކޯ ޑިފެންޑަރުންނާއި ކީޕަރު އޮބްލަކް ދިފާޢުކޮށްފައެވެ.

ޗެމްޕިއަންސް ލީގުން ކެޓުމާއެކު ޔުނައިޓެޑުން މި ސީޒަން ވެސް ނިންމާލަން ޖެހިފައިމިވަނީ ހުސްއަތާއެވެ.