ޚަބަރު

ޗައިނާގައި ބަލިފެތުރޭތީ ވިޔާފާރިއާއި އިޤްތިޞާދަށް އަސަރުކުރާނެކަމަށް ބެލެވޭ


ޗައިނާގައި އަނެއްކާވެސް ކޯވިޑް-19ގެ ރާޅެއް އުފެދި، ހަލުވިކަމާއެކު ބަލި ފެތުރެމުންދާތީ، މިކަމުގެ އަސަރު ވިޔަފާރިތަކަށާއި އިޤްތިޞާދަށް ކުރާނެކަމަށް ލަފާކޮށްފިއެވެ.

އަންގާރަދުވަހު ޗައިނާގައި ކޯވިޑް-19 އަށް ފައްސިވީމީހުންގެ ޢަދަދު ހުރީ 3500އިން މަތީގައެވެ. ހޮންކޮންގ ގެ ކޭސްތަކުގެ ޢަދަދު 27000އަށް އަރައެވެ. މި ބައްޔާއި ދެކޮޅަށް އެ ޤައުމުގެ "ޒީރޯ ޓޮލެރެންސް" އުޞޫލުގެ ދަށުން ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ވަނީ ފަށާފައެވެ. އެގޮތުން ބައެއް ބޮޑެތި ސަރަޙައްދުތަކުގެ މަދަރުސާތަކާއި ޢާއްމުން އެއްވެ އުޅޭ ތަންތަން ބަންދުކޮށްފައިވާއިރު، ބައެއް ސިޓީތައްވެސް ބަންދުކޮށްގެން ތަޙުލީލުކޮށް ބަލި ޖެހިފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

ޗައިނާއިން މިހާރު ވަނީ ޕޯޓުތަކުގައި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައެވެ. މިއާއެކު ވިޔަފާރި މުދާ ދައުރުކުރުމަށް ބުރުއަރާފާނެކަމަށް ބެލެވި، ހިއްސާގެ ބާޒާރުގައި ޗައިނާއާއި ހޮންކޮންގ ވިޔަފާރިތަކުގެ ހިއްސާގެ އަގަށް އަސަރުކޮށްފައިވެއެވެ.

ބަލި ފެތުރެންފެށުމުން މިހާތަނަށް އޮޓޯއާއި އިލެކްޓްރޯނިކްސް އުފައްދާ ކާރުޚާނާތަކެއް ބަންދުކޮށްފައިވެއެވެ. ޗައިނާގެ އެންމެ ބޮޑު ސިޓީ އަދި ވިޔަފާރީގެ މައި މަރުކަޒު ކަމަށްވާ ޝަންހާއީއަށް ކުރާ ބަސް ދަތުރުތައް ވަނީ މުޅިން މެދުކަނޑާލާފައެވެ. މީގެއިތުރުން ޝެންޖެންއާއި ޗަންޗުންގައި ހުރި ކާބޯތަކެއްޗާއި، ތެލާއި، އަސާސީ ތަކެތި ވިއްކާ ތަންތަން ފިޔަވައި އެހެން ހުރިހާ ވިޔަފާރިއެއް ބަންދުކުރުމަށް އަންގައި، އެ ސަރަޙައްދުތަކުގައިވެސް ބަހާއި ސަބްވޭގެ ޚިދުމަތް ވަނީ މެދުކަނޑާލާފައެވެ.

ޗައިނާ މެދުވެރިކޮށް އުފެއްދުންތަކުގެ އެތަކެއް ސަޕްލައި ޗެއިނެށް ހިނގާކަން ފާހަގަކޮށް، ދާއިރާގެ މާހިރުން ބުނަމުންދަނީ ސްމާޓް ފޯނު އުފައްދާ ކުންފުނިތަކާއި އެފަދަ އެހެނިހެން ސިނާޢަތްތަކުން މިވަގުތު ޗައިނާގެ ބަންދު ނުކޮށްހުރި ސަރަޙައްދުތަކުގައި ހުރި ކާރުޚާނާތަކާއި، ސަޕްލަޔަރުން ބޭނުންކުރެވިދާނެކަމަށެވެ. ނަމަވެސް ޝަންހާއީ އާއި، ޝެންޖެން އާއި، ނިންބޯފަދަ ޕޯޓުތައް ބަންދުވެއްޖެނަމަ އެކްސްޕޯޓަށް ބޮޑު ނުރައްކަލެއް އޮންނާނެކަމަށް އެ ފަރާތްތަކުން ލަފާކުރެއެވެ. ސަބަބަކީ އެ ޕޯޓުތަކަކީ ޗައިނާއިން އުފައްދާ މުދާ ދުނިޔޭގެ ބާޒާރަށް ވިއްކުމަށް މަގުފަހިކޮށްދޭ މައި ދޮރު ކަމަށް ވާތީއެވެ.

ޚަބަރުތައް ބުނާގޮތުން މިވަގުތު ޕޯޓުތަކުގައި މުދާ އަރުވައި ބޭލުމުގައި އެއްވެސް ދަތިކަމެއް ނެތެވެ. ނަމަވެސް ރައްކާތެރިކަމުގެ ގޮތުން، ލިޔެކިޔުންތަކުގެ މަސައްކަތް އޮންލައިންކޮށް، ބޭރު ބޯޓުތަކުން މީހުން ބަނދަރަށް ފޭބުން މަނާކޮށް، ފަޅުވެރިން ބަދަލުކުރުން ވަނީ މަނާކޮށްފައެވެ.

"ސްޓެލްތް އޮމިކްރޯން"ގެ ނަން ދީފައިވާ ބާރުގަދަ ވޭރިއެންޓު ޗައިނާގައި މިހާރު ފެތުރެމުންދާތީ އެ ޤައުމުގެ ޕެންޑެމިކް ރިކަވަރީ ޕްލޭނަށް މަޑުޖެހުމެއް އަންނާނެކަމަށް ވަނީ ބެލެވިފައެވެ. އެހެންކަމުން އިޤްތިޞާދީ ލޮޅުން ކުޑަކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ޓެކްސް ކުޑަކޮށްދިނުމަށާއި، ޕަބްލިކް ވޯކްސް ސެކްޓަރއަށް އިތުރަށް ޚަރަދުކުރުމަށް ޗައިނާ ސަރުކާރުން ވަނީ ނިންމާފައެވެ.

ޗައިނާގައި ހުރި ބައެއް ބޮޑެތި ވިޔަފާރިތައް ކަމަށްވާ ވާވޭއާއި، އެޕަލްއާއި، ޖެނެރަލް މޮޓޯސްއާއި، ވޮލްކްސްވާގަން އާއި، ޓޮޔޯޓާ އަދި ފޮކްސްކޮންގެ އޮފީސްތަކާއި ކާރުޚާނާތައްވެސް ހުރީ ފުރަބަންދުކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައެވެ.