ޚަބަރު

މާލެ އެރި ވެލާގެ ބިސްތައް ކުޑަހުރާއަށް ގެންގޮސްފި


ސިނަމާލެ ބްރިޖު ކައިރިއަށް ރޭ އެރި ވެލާ އެޅި ބިސްތައް ފޯސީޒަންސް ކުޑަހުރާއަށް ގެންގޮސްފިއެވެ.

އެ ވެލާ އެޅި 96 ބިސް ކުޑަހުރާގައި ވިއްސުމަށް ޓަކައި ގެންދިޔައީ އީޕީއޭގެ ބެލުމުގެ ދަށުންނެވެ. އީޕޭއޭއިން ވިދާޅުވީ އެ ބިސްތައް ގެންދިޔައީ ފޯސީޒަންގެ މެރިން ޑައިވާސް އިން ކަމަށެވެ. އަދި އެ ބިސްތަކުގެ ކަންކަން ބަލަހައްޓަމުންގެންދާނީ އެ ރިސޯޓުންކަމަށާއި އެ މަސައްކަތް ކުރިއަށްދާގޮތް އީޕީއޭއަށް ރިޕޯޓް ކުރަމުންގެންދާނެކަމަށް އެ އެޖެންސީން ވިދާޅުވެއެވެ.

މިއީ މި ގޮތަށް ވެލާ ބިސް އެއްތަނުން އަނެއް ތަނަށް ގެންގޮސްގެން ވިއްސުވި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން ވެސް މިގޮތަށް ކަންތައް ކޮށްފައި އެބަހުއްޓެވެ. ވެލާ ބިސް އާންމުގޮތެއްގައި ދެ މަސްތެރޭގައި ފީވެ، ދަރިމައިވެއެވެ.

މީގެ 2 ހަފްތާއެއްހައި ދުވަސް ކުރިންވެސް ހަމަ އެފަސްގަނޑަށް ވެލައެއް އެރިއެވެ. ނަމަވެސް އެ ވެލާ އެއްގަމަށް އަރައި ތާށިވެފައި އޮތްކަމަށް ބެލެވިގެން ވަނީ މޫދަށް ދޫކޮށްލާފައެވެ.

އަނެއްކާވެސް މާލެއަށް ވެލާ މިއެރީ މިރޭގެ 8:30 ހާއިރުއެވެ. މިއީ ފަހުގެ ތާރީޚެއްގައި މާލެ ސަރަޙައްދަށް ފެނުނު އާ ކަމަކަށްވުމުން، ގިނަ ބަޔަކު މި މަންޒަރު ބެލުމަށްވެސް އެ ސަރަޙައްދަށް އެއްވިއެވެ. ކުރީ ފަހަރާއި ޚިލާފައި މިފަހަރު ފުލުހުނާއި އީޕީއޭއިން ތިބީ ވެލާގެ ޙިމާޔަތުގައި ފޯރިމަރާށެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ޕީއެސްއެމް ނިއުސްއަށް ވިދާޅުވި، މިފަހަރުވެސް މާލެއަށް އަރާފައިވަނީ މީގެ 2 ހަފްތާކުރިން އެރި ބާވަތުގެ ވެލައެއްކަމަށެވެ. މިއީ ހަމަ އެވެލެއަށްވެސް ވުން އެކަށީގެންވާކަމަށް އޭނާ ވިދާޅުވިއެވެ.