ވިޔަފާރި

ފަތުރުވެރިިކަމުގެ 54000އަށްވުރެ ގިނަ އެނދު އޮޕަރޭޝަނަށް


ކޯވިޑް-19އަށްފަހު މިހާތަނަށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން 54،000އަށްވުރެ ގިނަ އެނދު އޮޕަރޭޝަނަށް ނެރެފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ގިނަ ޕެލިސިޓީތަކެއް ބަންދުކުރިއެވެ. ކޯވިޑްގައި 2 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާއިރު ފަތުރުވެރިކަމުގެ ގިނަ އެނދުތައް ވަނީ އަލުން އޮޕަރޭޝަނަށް ނެރެފައެވެ.

ޓޫރިޒަމް މިނސްޓްރީގެ ތަފާސްހިސާބު ދައްކާގޮތުން ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ރަޖިސްޓްރީކޮށްފައިވާ ޖުމްލަ ބެޑު ކެޕޭސިޓީއަކީ 60047 އެނދެވެ. އަދި މީގެތެރެއިން މިހާތަނަށް 54340 އެނދު ވަނީ އަލުން އޮޕަރޭޝަނަށް ނެރެފައެވެ.

މީގެތެރޭގައި ހިމެނެނީ ރިސޯޓުތަކުގެ 38822 އެނދާއި، ގެސްޓުހައުސް އަދި ހޮޓެލްތަކުން 12592 އެނދާއި، ސަފާރީތަކުން އޮޕަރޭޝަނަށް ގެނެސްފައިވާ 2920 އެނދުކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކައެވެ. އޮޕަރޭޝަނަށް ގެނެސްފައިވާ ޓޫރިސްޓު ފެސިލިޓީތަކުގެ ޢަދަދުތަކަށް ބަލާއިރު، 162 ރިސޯޓާއި، 651 ގެސްޓު ހައުސް އަދި ހޮޓެލްއާއި، 149 ސަފާރީ ހިމެނެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 324743 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2021 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު %48.6 އިތުރު އަދަދެކެވެ. ރާއްޖެ އަންނަ ފަތުރުވެރިން މިހާރު އެވްރެޖްކޮށް ރާއްޖޭގައި 8.8 ދުވަސް ހޭދަކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ އައިސްފައިވަނީ 1.7 މިލިއަން ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމަށް މިއަހަރު އަލަށް 3000 އެނދު އިތުރުވާނެކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވަނީ މީގެކުރިން ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ ރިސޯޓްތަކުގެ އިތުރަށް ރަށްރަށުގައި ހަދާ ގެސްޓްހައުސްތަކާއި، ހޯމްސްޓޭ ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ހޮޓާތައް ހިމެނޭހެން އެވްރެޖްކޮށް ކުރިއަށްއޮތް އަހަރުތަކުގައި 8000 އެނދުވަރު ރާއްޖޭގައި ކޮންމެ އަހަރަކު މާކެޓަށް ނެރެވޭނެކަމަށް ވިދާޅުވެފައެވެ.