ތަޢުލީމު

ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙު އާލާކުރުމުގެ ޙަރަކާތްތަކެއް މުޅި ރާއްޖޭގައި ހިންގަނީ


ދަރިވަރުންގެ ހިތްތަކުގައި ދީނީ ރޫޙް އާލާކުރުމުގެ ޙަރަކާތްތަކެއް މުޅި ރާއްޖޭގައި ފެށުމަށް ނިންމާފައިވާކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ.

ކުރިއަށްއޮތް ރަމަޟާން މަހާ ގުޅުވައިގެން ދަރިވަރުންގެ ކިބައިގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭ ސިސްސިލާ ބައްދަލުވުންތަކެއް ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ވަނީ ކުރިއަށްގެންގޮސްފައެވެ.

ރާއްޖޭގެ އުތުރާއި ދެކުނު އަދި މެދުރާއްޖެތެރޭގެ ރަށްތަކުގެ ސްކޫލްތަކާއި މާލޭ ސަރަހައްދުގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު، ކުރިއަށްގެންދެވުނު ސިލްސިލާ ބައްދަލުވުންތަކުގެ މަޤްޞަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް އިސްލާމް ދީނާއިމެދު ލޯބި އުފެއްދުމާއި، ސްކޫލް މާޙައުލުގައި ދަރިވަރުންނަށް ހިންގޭ ޙަރަކާތްތަކުގެ ތެރެއިން ދަސްވާ ކޮންމެ ކަމަކީ ޢާންމު ދިރިއުޅުމުގައި ބޭނުންކުރެވޭ އާދަކޮށް ކުރާކަންކަމަށް ހެދުންކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އެގޮތުން ކީ ސްޓޭޖް 1 އިން ކީ ސްޓޭޖް 5އާ ދެމެދުގެ ދަރިވަރުންނަށް، ރަމަޟާން މަހާއި ކީރިތި ޤުރްއާނާއި ފިތުރު ޢީދުގެ އިތުރުން އަޟްޙާޢީދާއި، ސަލާމްކުރުމުގެ ރިވެތި އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށް ބާރު އަޅާ މަސައްކަތް ކުރުމާމެދު މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވުނެވެ. މީގެއިތުރުން ނަމާދު ކުރުމަށް ދަރިވަރުންނަށް ދަސްކޮށްދިނުމާއި، ނަމާދުގައި ކިޔާ ތަކެއްޗާއި، ދުޢާތަކާއި، އަދި އެ ދަރިވަރަކު ކިޔަވާ ގްރޭޑެއްގައި ކިޔަވައިދެވޭ މިންވަރަށް ޤްރުއާން ކިޔެވުމާއި، ރަމްޟާންމަހާގުޅޭގޮތުން ޕްރޮޖެކްޓުތައް ދަރިވަރުނަށް ދިނުމަށްވެސް މަޝްވަރާކުރެވުނެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް، ރަމްޟާން މަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމް ކޯޑިނޭޓްކުރައްވާނީ އެން.އައި.އީގެ ކަރިކިއުލަމް ޑިވެލޮޕްމެންޓް އޮފިސަރ ކޯޑިނޭޓަރ ހަސަން ލަބީބުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.