ޚަބަރު

ފިޔަވަޅުތަކާއެކުވެސް ސްބާބޭންކުގެ ވިޔަފާރި ފުޅާކޮށްފި


ރަޝިޔާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ސްބާބޭންކުން، ދަތިކުރުމުގެ ފިޔަވަޅުތަކާއެކުވެސް އެ ބޭންކުގެ ވިޔަފާރި ފުޅާކުރުމުގެގޮތުން އައު އުފެއްދުމެއް ވިއްކަންފަށައިފިއެވެ.

ރަޝިޔާއިން ޔޫކްރެއިނަށް ދެމުންދާ ޙަމަލާތަކާއި ގުޅިގެން ވިލާތުގެ އިއްތިހާދުންނާއި، އެކުވެރި ޖަމާޢައްތަކުން އެންމެ ފުރަތަމަ ފިޔަވަޅު އެޅި ތަންތަނުގެ ތެރޭގައި ސްބާބޭންކު ހިމެނެއެވެ. އެ ބޭންކަކީ ރަޝިޔާގެ ބޭންކިންގ ނިޒާމުގެ ގާތްގަނޑަކަށް 3 ބައިކުޅަ 1 ބައި މުދަލާއި ފައިސާ ހިމެނޭ، ރަޝިޔާ ސަރުކާރުގެ މައިގަނޑު ހިއްސާއެއް އޮންނަ ބޭންކެކެވެ.

ހަނގުރާމައިގެކުރިން ސްބާބޭންކުން ދިޔައީ ވިޔަފާރި ފުޅާކުރުމަށްޓަކައި އޮންލައިންކޮށް ޓެކްނޮލޮޖީއާއި ކްލައުޑް ސަރވިސްފަދަ ޚިދުމަތްތައް ވިއްކަމުންނެވެ. މިހާރު އެ ބޭންކުގެ ބައިނަލްއަޤްވާމީ ގޮފިތަކުގެ މަސައްކަތް ހުއްޓިފައިވުމުން، އެތެރޭގެ ވިޔަފާރިން އިތުރު އާމްދަނީއެއް ހޯދުމަށްޓަކައި މިވަނީ ސްމާޓް ޓީވީ ވިއްކަން ފަށާފައެވެ.

ރަޝިޔާގެ އިލެކްޓްރޯނިކްސް ރީޓެއިލް ކުންފުންޏެއް ކަމަށްވާ އެމް.ވީޑިއޯއާއި ގުޅިގެން ވިއްކާ މި ސްމާޓް ޓީވީތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ސްބާބޭންކުގެ ވަރޗުއަލް އެސިސްޓެންސް ސޮފްޓްވެއަރއެވެ. މި ސޮފްޓްވެއަރ މެދުވެރިކޮށް އޮންލައިން ސްޓްރީމިންގ ޚިދުމަތާއި، ކާތަކެއްޗަށް ޑެލިވަރީ އޯޑަރު ދިނުންފަދަ ތަފާތު އެކި ޚިދުމަތްތައް ލިބިގެންދާނެކަމަށް ސްބާބޭންކުން ބުނެއެވެ. އަދި ބޭންކުގެ ޑިޖިޓަލް މަސްދަރު މެދުވެރިކޮށް ލިބެންހުންނަ ގިނަ ޚިދުމަތްތައް މި ޓީވީތައް މެދުވެރިކޮށް ދިނުމަށް ވަނީ ނިންމާފައެވެ.

ސްބާބޭންކުން މީގެކުރިން ނޫސްތަކުގައި ބުނީ ޓެކްނޮލޮޖީގެ ވަޞީލަތްތަކާއި އީޖާދުތަކުގެ ވިޔަފާރިއަށް ބޮޑު އިސްކަމެއްދޭން ފަށާފައިވާ ކަމަށާއި، މި މަސައްކަތަކީ ފުޅާ އިންވެސްޓްމަންޓެއް ކަމަށެވެ. ނަމަވެސް މި ވިޔަފާރިއަށް ޚަރަދުކޮށްފައިވަނީ ކިހާ މިންވަރެއްކަމެއް އެ ބޭންކުން ހާމަކޮށްފައެއް ނުވެއެވެ.

ސްބާބޭންކުން އެކި ވައްތަރުގެ ސްމާޓް ޓީވީ ވިއްކަންފަށާފައިވާއިރު، ހަނގުރާމައާއިގުޅިގެން އެ ބޭންކުގެ ހިއްސާގެ އަގަށް އަސަރުކޮށް، ހިއްސާގެ އަގު ވަނީ ދަށަށްގޮސްފައެވެ.