ކުޅިވަރު

ތައިލެންޑް އަތުން ފުރަތަމަ މެޗުން ރާއްޖެ ބަލިވެއްޖެ


އެންއެސްއެފްޑީ އިންވިޓޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭގެ ގައުމީ ފުޓްސެލް ޓީމުން ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ތައިލެންޑްގައި ފެށި މިމުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަލިވެފައިވަނީ މުބާރާތް ބާއްވާ ގައުމު، ތައިލެންޑާ ވާދަކޮށް 8 ލަނޑު 3 ލަނޑުންނެވެ.

މިމެޗްގައި މޮޅަށް ކުޅެފައިވަނީވެސް ތައިލެންޑުގެ ޓީމުންނެވެ. އެޓީމުން ވަނީ މެޗްގެ ވަރަށްކުރީކޮޅު ލީޑް ނަގާފައެވެ. މިލަނޑު ޖެހީ ސުޕާހޯންއެވެ. އޭގެފަހުން ރާއްޖެއަށް ލިބުނު ހިލޭ ޖެހުމަކުން އިޝާން އިބްރާހިމް ޖެހި ގޯލަކުން މެޗްގެ ނަތީޖާ ހަމަހަމަވިއެވެ. ރާއްޖެއިން ނަތީޖާ ހަމަހަމަ ކުރުމާއެކު ތައިލެންޑްގެ އަޕީވަޓް ވަނީ ގޯލެއް ޖަހައި އަލުން ލީޑު ނަގާފައެވެ. އޭގެފަހުން ތައިލެންޑް ކީޕަރު ކުރިއަށް އަރައިގެން ކުޅެމުންދިޔަ ދަނޑިވަޅެއްގައި އޭގެ ފައިދާ ނަގައި ރާއްޖެއިން ވަނީ މެޗްގެ ނަތީޖާ 2 ލަނޑު 2 ލަނޑަށް ބަދަލްކޮށްލާފައެވެ. މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ ހުސެއިން ޝަރީފެވެ.

މެޗްގެ ނަތީޖާ ހަމަހަމަކޮށްދިޔަ ނަމަވެސް، މެޗްގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ތައިލެންޑް ޓީމުން ވަނީ އިތުރު 3 ގޯލް ޖަހައި ލީޑު ފުޅާކޮށްފައެވެ. މިތިން ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އަޕީވަޓް އާއި އަޓްސަޑަވުޓް ޔަންކޮޓް އަދި ސަރަވުޓްއެވެ. މެޗްގެ ފުރަތަމަ ހާފް ތައިލެންޑްއިން ލީޑްގައި އޮވެގެން ނިންމާލިއެވެ.

މެޗްގެ ދެވަނަ ހާފްގައި ތައިލެންޑުން ފަށާފައިވަނީ ވަރުގަދަކޮށެވެ. އެޓީމުން ރާއްޖޭގެ ގޯލަށް ނުރައްކާތެރި ދެތިން ހަމަލާއެއް ފޮނުވާލިއެވެ. ދެވަނަ ހާފްގެ ކުރީކޮޅުގައި ތައިލެންޑުން ވަނީ ދެ ގޯލް ޖަހާ މެޗްގެ ނަތީޖާ 7 ލަނޑު 2 ލަނޑަށް ބަދަލްކޮށްލާފައެވެ. މި 2 ލަނޑުތައް ތައިލެންޑް ޓީމަށް ކާމިޔާބުކޮށްދިނީ ޔަންކޮޓާ އާއި ތަނާތިޕް ސަންގްސަންގްއެވެ. މެޗްގައި ރާއްޖެއިން ޖެހި ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ހުޒައިފަތު ރަޝީދެވެ.