ޚަބަރު

ސިއްޙީ ނުރައްކަލުގެ ހާލަތު އުވާލިނަމަވެސް އޮންލައިންކޮށް ޝަރީޢަތް ގެންދަން ސުޕްރީމް ކޯޓުން ނިންމައިފި


ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިނަމަވެސް ފަނޑިޔާރުން ބޭނުންވެއްޖެ ހާލަތުގައި އޮންލައިންކޮށް ޝަރީޢަތް ގެންދާނެކަމަށް ސުޕްރީމް ކޯޓުން ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުންނެރުނު ބަޔާނެއްގައި ވިދާޅުވީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިކަން އިޢުލާނުކުރުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަން ނުވަތަ އެ ކޯޓުން ޢަމަލުކުރަމުން އައި "ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދު"އަށްވެސް އަށް ޢަމަލުކުރުން ނިމުމަކަށް ގެނެސްފައިވާކަމަށެވެ.

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާ ގުޅިގެން ކޯޓުން ފޯރުކޮށްދޭ އެންމެހައި ޚިދުމަތްތަކާއި ޝަރީޢަތުގެ މަޖިލީސްތައް ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް ކުރިއަށް ގެންދިއުމުގެ ސަބަބުން، އަވަސްކަމާއި ފަސޭހަކަމާއެކު، އަދި ޚަރަދު ކުޑަ ނިޒާމެއްގެ ތެރެއިން، ޢަދުލު އިންޞާފަށް ވާސިލުވުމުގެ މަގު ފަހިވެ ހަލުވިކަމާއެކު ޝަރީޢަތްތައް ހިންގައި މައްސަލަތައް ނިންމުމަށް މަގުފަހިވެފައި ވާކަން ފާހަގަކުރެވިފައިވާކަމަށް ސުޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.

އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ނުގެންދެވޭނެކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތްތައް ފިޔަވައި އެހެން ޙާލަތްތަކުގައި، ޢަދުލު އިންޞާފުގެ ހަމަތައް ނުގެއްލޭނެ ގޮތެއްގެމަތިން، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް މައްސަލަތަކުގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމާއި، އަޑުއެހުންތަކާގުޅޭ އިދާރީ އަދި އިޖުރާއީ ކަންކަން ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާކަމަށްވެސް ބަޔާނުގައިވެއެވެ.

ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލުމާއެކުވެސް އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންިދއުމަށް ސުޕްރީމް ކޯޓުން ނިންމާފައިވާއިރު، ނިމުނުއަހަރު ސުޕްރީމް ކޯޓުން ނިންމި މައްސަަލަތައް އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 25 އިންސައްތަ އިތުރުވެފައިވާކަމަށް އެ ކޯޓުގެ ތަފާސް ހިސާބުތައް ދައްކައެވެ.

ސުޕްރީމް ކޯޓުން ކުރިން ބުނެފައިވަނީ ކޯވީޑްގެ ބަލިމަޑުކަމާއި ގުޅިގެން އެކޯޓުގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެންނެވިކަމަށް ވިދާޅުވެފައެވެ. އެގޮތުން އީޖާދީ އައު ވަސީލަތްތަކުގެ ބޭނުން ހިފައި، ސުޕްރީމް ކޯޓުގެ ޝަރީޢަތްތައް ދާއިމީ ގޮތެއްގައި ދުރުން ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސައި އެ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ޝަރީޢަތްތަކާގުޅޭ ކަންކަން ހަރުދަނާކުރުމަށްޓަކައި އިޖުރާއީ ގޮތުން ގެންނަން ފެނުނު ބަދަލުތައް ސުޕްރީމް ކޯޓުގެ ގަވާއިދުގައި ހިމަނައި ނިމިގެން މިދިޔަ އަހަރުގެ ތެރޭގައި ކޯޓުގެ އައު ޤަވާއިދު އެކުލަވާލާފައިވާކަމަށެވެ.