ބަނގްލަދޭޝް އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ރާއްޖެއަށް ބަނގްލަދޭޝް
އޮލިމްޕިކް ޓީމްގެ މައްޗަށް ކުރި ހޯދޭނެކަމަށް ޤައުމީ ޓީމްގެ ކޯޗް ރިކީ ހާބަޓް
ބުނެފިއެވެ.
މިހާރު ބަނގްލަދޭޝްގައި ކުރިއަށްދާ ބަންގްބަންދު ގޯލްޑްކަޕްގައި މާދަމާ
ބަނލަދޭޝްގެ އޮލިމްޕިކް ޓީމާ ދެކޮޅަށް ނިކުތުމުގެ ކުރިން ޤައުމީ ކޯޗް ރިކީ
ހާބަޓް ބުނީ ޒުވާން ކުޅުންތެރިންނާ އަދި ޓީމްގައި ހިމެނޭ ސީނިއަރ ކުޅުންތެރިންގެ
ފަރާތުން ފެންނަމުންދާ މަސައްކަތުގެ ރޫޙާއި، މޮޅުވުމަށް ބޭނުންވެފައިވާ އަޒުމް
ފެނުމުން ވަރަށް ހިތްހަމަޖެހޭކަމަށެވެ. ޚާއްސަކޮށް ސީނިއަރ ކުޅުންތެރިންގެ ފަރާތުން
ޒުވާން ކުޅުންތެރިންނަށް ހިތްވަރު ދިނުމަށް ކުރަމުންދާ މަސައްކަތް
ފާހަގަކޮށްލެވޭކަމަށް ކޯޗު ބުންޏެވެ. އަމިއްލަ ޤައުމުގައި ބަނގްލަދޭޝްގެ އޮލިމްޕިކް ޓީމާ ވާދަކުރަން ޖެހުނަސް އެއްވެސް ޖެހިލުމެއް ނުވާކަމަށާއި، ޓީމްގައި ތިބި
ކުޅުންތެރިންނަަށް އެއީ އާ ޓީމެއް ނޫންކަމަށްވެސް ކޯޗު ބުންޏެވެ. ޚާއްސަކޮށް ފެންވަރު ރަނގަޅު ދަނޑެއްގައި ކުޅެލަން ލިބުމުން ކުޅުންތެރިންވެސް އިތުރު ހިތްވަރެއްލައިގެން
މާދަމާގެ މެޗް ކާމިޔާބުކޮށް ސެމީން ޖާގަ ހޯދަން ބޭނުންވާކަމަށްވެސް ޤައުމީ ކޯޗް
ރިކީ ހާބަޓް ބުންޏެވެ.
"ކެމްބޯޑިއާ މެޗްގައި ކުޅުނު ދަނޑަކީ ވަރަށް ދަށްފެންވަރުގެ ދަނޑެއް. މާދަމާ މެޗް ކުޅޭ ދަނޑަކީ މާލޭގެ ގަލޮޅު ދަނޑުކަހަލަ ދަނޑެއްް. އެހެންވީމަ މާދަމާގެ މެޗުގައި ތަފާތު ކުޅުމެއް ފެނިގެންދާނެކަމަށް އުއްމީދު ކުރެވޭ. އަދި ހާއްސަކޮށް މި ޓީމްގެ ބައެއް ކުޅުންތެރިންނަކީ ބަނގްލަދޭޝް ޓީމްގެ ކުޅުންތެރިން ވަރަށް ރަނގަޅަށް އެނގޭ ކުޅުންތެރިންނަށް ވުމަކީ ހިތްހަމަޖެހުމެއް. މާދަމާ ދަނޑުން ފައިބާނީ މެޗުން މޮޅުވެ، ސެމީން ޖާގަ ހޯދައިގެން." ކޯޗު ބުންޏެވެ.
ޤައުމީ ޓިމްގެ މުހިންމު ދެ ކުޅުންތެރިންކަމަށްވާ އިސްމާޢީލް އީސާއާއި، އަލީ
ފާސިރު ބުނީ ބޭނުންވަނީ މެޗު ކާމިޔާބުކޮށް ސެމީއަށް ދިއުންކަމަށެވެ. ޚާއްސަކޮށް
މުބާރާތް ބާއްވާ ޤައުމު ބަނގްލަދޭޝްގެ ޓީމް ބަލިކޮށް ސެމީން ޖާގަ
ހޯދިއްޖެނަމަ ޓީމަށް އިތުރު ހިތްވަރެއްވެސް ލިބިގެންދާނެކަމަށް މިދެ
ކުޅުންތެރިން ބުންޏެވެ.
" އަހަރެމެންނަން ރަނގަޅު ކަންތައްތަކެއް އެބަހުރި. އޭގެތެރޭގައި ބަނގްލަދޭޝް އަތުން މޮޅުވެވިފައި އޮތުމަކީ ހިތްހަމަޖެހުމެއް. ކޮންމެ ގޮތަކަށް ވިއަސް މަސައްކަތް ކުރާނީ މޮޅުވާން، އިދާރަކުރެއްވިއްޔާ ދަނޑުން ފައިބާނީ މޮޅުވެގެން." އިސްމާއީލް އީސާ ބުންޏެވެ.
" މިހާރު އަދި ބަނގްލަދޭޝްގައި އެމީހުންނާ ދެކޮޅަށް ކުޅެން ޖެހުނަސް ޖެހިލުމެއް ނުވޭ. އަހަރެމެން އިދާރަކުރެއްވިޔާ ފައިބާނީ މޮޅުވެގެން. އެއީ އެވަރުގެ ކުޅުންތެރިން މިޓީމްގައި އެބަތިބި. ހީވަނީ ރަނގަޅު ކުޅުމަކަށްފަހު މޮޅުވެވޭނެހެން." އަލީ ފާސިރު ބުންޏެވެ.
ބަނގްލަދޭޝް އޮލިމްޕިކް ޓީމާއި ރާއްޖޭގެ ޤައުމީ ޓީމް ވާދަކުރާ މެޗު ފަށާނީ މާދަމާ ހަވީރު ރާއްޖެ ގަޑިން 5:30 ގައެވެ. މިމެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ.