ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއަށް އެއްވެސް ގޮތަކަށް އެހީތެރިވެއްޖެނަމަ ޗައިނާއާ ދެކޮޅަށްވެސް ފިޔަވަޅުއަޅާނެކަމުގެ އިންޒާރު އެމެރިކާއިން ދީފިއެވެ.
އިޤްތިޞާދީގޮތުންނާއި އަސްކަރީގޮތުން ދުނިޔޭގެ ބޮޑު ބާރެއްކަމަށްވާ ޗައިނާގެ ޚާރިޖީ ސިޔާސަތާބެހޭ އިދާރާގެ އިސްވެރިޔާ ޔާންގް ޖިއެޗީއާ ބައްދަލުކުރައްވާ އެމެރިކާގެ ޤައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސަލިވަންވަނީ އެ ޤައުމުގެ ކަންބޮޑުވުންތައް ޙިއްޞާކުރައްވައިފައެވެ. އިޓަލީވިލާތުގެ ވެރިރަށް ރޯމުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޢަމަލުތައް އެމެރިކާއިން ގާތުން ބަލަމުންދާކަމަށް ސަލިވަންވަނީ ވިދާޅުވެފައެވެ. އަދި ޔޫކްރެއިނުގައި ކުރަމުންދާ ހަނގުރާމާގައި ރަޝިޔާއަށް އަސްކަރީގޮތުންނާއި މާލީގޮތުންނާއި އިޤްތިޞާދީގޮތުން އެއްވެސް އެހީތެރިކަމެއް ޗައިނާއިން ފޯރުކޮށްދީފިނަމަ އެ ކަމުގެ ނަތީޖާ ވަރަށް ހިތިވާނެކަމަށް ސަލިވަންވަނީ ޖިއެޗީއަށް ދަންނަވައިފައެވެ.
ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ޢަމުރުކުރެއްވުމުގެ ކުރިން ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިންވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންނާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުވުމުގައި އެ ދެ ބޭފުޅުންވެސްވަނީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް އެއްބާރުލުން އެކި ކަންކަމުގައި އެއްބާރުލުންދޭނެކަމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ޔޫކްރެއިނަށް ރަޝިޔާއިން ޙަމަލާދޭން ފެށުމުން ޗައިނާއިންވަނީ މަޝްވަރާކޮށްގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަތައް ޙައްލުކުރުމަށް ގޮވާލައިފައެވެ. ނަމަވެސް އދގެ ސަލާމަތީ މަޖިލީހުންނާއި އދގެ ޢާއްމު މަޖިލީހުގައި ރަޝިޔާއަށް ދެކޮޅަށް ވޯޓުދިނުމަށް ޗައިނާއިންވަނީ ދެކޮޅުހަދައިފައެވެ.
ފާއިތުވި ދުވަސްތަކުގައި އެމެރިކާ އިސްވެ ރަޝިޔާއާ ދެކޮޅަށްވަނީ ހަރުކަށި އިޤްތިޞާދީ ފިޔަވަޅުތަކެއް އަޅައިފައެވެ. އަދި އެ ފިޔަވަޅުތައް ތަންފީޒުކުރުމަށް ވިލާތުގެ އިއްތިޙާދުންނާއި އިނގިރޭސިވިލާތުންނާއި އޮސްޓުރޭލިޔާއިންނާއި ކެނެޑާއިންނާއި ޖަޕާނުންވަނީ އެމެރިކާއާ ބައިވެރިވެފައެވެ.