އިންޑިޔާގެ ދެކުނުގައި އޮންނަ ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަލައިގެން ދަރިވަރުންނަށް ނުވަދެވޭނެކަމަށް އެ ސުޓޭޓުގެ ހައި ކޯޓުން ޙުކުމުކޮށްފިއެވެ.
ހިޖާބުއެޅި ދަރިވަރުންނާމެދު ތަފާތުކުރުން ގެންގުޅޭކަމަށް ބުނެ ކަރްނާޓަކާގައި ނުތަނަވަސްކަން އުފެދުނީ އެ ސުޓޭޓުގެ އުޑޫޕީގެ ގިނަ މަދަރުސާތަކުން ހިޖާބުއެޅި ދަރިވަރުން ވައްދަން ދެކޮޅުހެދުމުންނެވެ. އެ މަދަރުސާތަކުން ބުނެފައިވަނީ ހިޖާބުއެޅި ދަރިވަރުން ވައްދަން ނިންމީ އެ ސުޓޭޓުގެ ސަރަޙައްދީ ސަރުކާރުގެ ތަޢުލީމާބެހޭ ވުޒާރާގެ ނިންމުމަކާ އެއްގޮތަށްކަމަށެވެ. އެއާއެކު ހިޖާބުއެޅި ދަރިވަރުންނާއި އެ ކުދިންގެ ބެލެނިވެރިން މުޒާހަރާކުރުމުން ދުވަސްކޮޅަށް މަދަރުސާތައް ބަންދުކުރިއެވެ. އަދި މަދަރުސާތަކަށް ހިޖާބުއެޅި ދަރިވަރުން ނުވައްދަން ގޮވާލައި ހަރުކަށި ފިކުރުގެ ހިންދޫންވަނީ އަޑުއުފުލައި ޕެޓިޝަންތަކުގައި ސޮއިކޮށް މުސްލިމުންނަށް ފުރައްސާރަކޮށްފައެވެ.
ކަރްނާޓަކާގެ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަށް ހިޖާބުއަޅައިގެން ނުވަދެވޭނެކަމަށް ނިންމުމުން އެ ސުޓޭޓުގެ ވެރިރަށް ބެންގަލޫރުގައި ހުންނަ ސަރަޙައްދީ ހައި ކޯޓަށް ހިޖާބުއެޅި ދަރިވަރަކު ހުށަހެޅި މައްސަލާގައި ޙުކުމުއިއްވަމުން އެ ކޯޓުގެ އިސް ޤާޒީ ރިތޫ ރާޖު އަވާސްތީ ވިދާޅުވެފައިވަނީ ހިޖާބުއެޅުމަކީ އިސްލާމުދީނުގެ ރުކުނެއް ނޫންކަމަށެވެ. އެހެންކަމުން ދަރިވަރުންގެ ރަސްމީ ޔުނިފޯމުގެ ބައެއްގެ ގޮތުގައި ނުހިމެނޭނަމަ ހިޖާބުއަޅައިގެން މަދަރުސާއަށް ނުވަދެވޭނެކަމަށް އޭނާގެ ޙުކުމުގައި ބުނެފައިވެއެވެ. އެ ޙުކުމުގެ ސަބަބުން އިންޑިޔާގެ އެހެން ސަރަޙައްދުތަކުގައިވެސް ހިޖާބުއަޅައިގެން މަދަރުސާއަށް ދަރިވަރުން ނުވައްދަން ނިންމާނެކަމަށްވަނީ ބެލެވިފައެވެ.
މީގެ ކުރިން ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވަނީ ވަކި މިންގަނޑުތަކަކަށް ހެދުން އެޅުމަށް ޤަވައިދެއް އެކުލަވާލައި އެ ނިންމުން ހުރިހާ މަދަރުސާތަކާއި ތަޢުލީމު އުނގަންނާދޭ މަރުކަޒުތަކަކަށް އަންގާފައިވާނެކަމަށެވެ. އަދި އެ ގޮތަށް ނިންމާފައިވަނީ ފާއިތުވި ދުވަސްތަކުގައި އެ ޤައުމުގެ އެކި ސަރަޙައްދުތަކުގެ ކޯޓުތަކުން ހިޖާބުއެޅުމާ ދެކޮޅަށް ކޮށްފައިވާ ޙުކުމުތަކާ ޙަވާލާދިނުމަށްފަހުކަމަށްވެސް ކަރްނާޓަކާގެ ސަރަޙައްދީ ސަރުކާރުން ބުނެފައިވެއެވެ.
61 މިލިޔަނަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ކަރްނާޓަކާގެ %12 މީހުންނަކީ މުސްލިމުންނެވެ. އަދި 1.4 ބިލިޔަން މީހުންގެ އާބާދީއެއް އޮންނަ އިންޑިޔާގެ %13 މީހުންނަކީ މުސްލިމުންނެވެ.