ތަޢުލީމު

ޔުނީފޯމް ބަދަލުކުރާނަމަ 6 މަސް ކުރިން އަންގަންޖެހޭ - އެޑިއުކޭޝަން


ކިޔަވާ ކުދިންގެ ޔުނީފޯމަަށް ބަދަލު ގެންނަން ބޭނުންވާ ސްކޫލްތަކުން ދިރާސީ އަހަރު ފެށުމުގެ 6 މަސް ކުރިން އެކަން މިނިސްޓްރީއަށް ހުށައަޅަންޖެހޭ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޒަމާނީ ތަޢުލީމުގެ ތެރެއިން ސްކޫލްތަކަށް އަންނަމުންދާ ތަރައްޤީއާއެކު ކިޔަވާ ކުދިންގެ ޔުނީފޯމަށްވެސް ބަދަލުތަކެއް އަންނަމުންދާކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށިގެންދިޔަ އިރު މި މަންޒަރު މާލެއާއި އަތޮޅުތަކުގެ ބައެއް ސްކޫލްތަކުންވެސް ފެނިގެންދިޔައެވެ.އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއު ވިދާޅުވީ، ސަރުކާރު ސްކޫލްތަކުގެ ތެރެއިން ދިރާސީ އަހަރާއެކު ޔުނީފޯމް ބަދަލު ކުރުމަށް ހުއްދަ ދީފައިވަނީ 4 ސްކޫލަކަށް ކަމަށެވެ. އެއީ ކުޅުދުއްފުށީގައި ހުންނަ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި، އިސްކަންދަރު ސްކޫލާއި، ޖަމާލުއްދީން ސްކޫލްގެ އިތުރުން، ތާޖުއްދީން ސްކޫލެވެ. އިންޓަނޭޝަނަލް ސްކޫލްތަކުގެ ތެރެއިން އަހްމަދިއްޔާ އަދި ޣިޔާސުއްދީންގައި ޔުނީފޯމް ބަދަލުވެފައިވާކަންވެސް އޭނާ ފަހާގަކުރެއްވިއެވެ. ޔުނީފޯމަށް ބަދަލު ގެނައުމަކީ މިނިސްޓްރީން އެހާ ތަރުހީބުދޭ ކަމެއް ނޫން ކަމަށާއި، ނަމަވެސް އެކަމަކީ ސްކޫލްތަކުގެ އަމިއްލަވަންތަ ކަމާއި ގުޅިފައިވާ ކަމަކަށްވުމުން އެކަމަށް މިނިސްޓްރީން އެއްބާރުލުން ދެމުންގެންދަވާ ކަަމަށްވެސްް ޝަފީއު ވިދާޅުވިއެވެ. ސަރުކާރު ސްކޫލްތަކުގައި ޔުނީފޯމްތަކަަށް ބަދަލު ގެންނަން ޖެހެނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދައާއި އެކީއެވެ. ނަމަވެސް އަމިއްލަ ސްކޫލްތަކުގެ ޔުނީފޯމަށް ބަދަލު ގެނައުމުގެ އިޚްތިޔާރު އެ ފަރާތްތަކަށް ދެއްވާފައިވާ ކަމަށް އެމިނިސްޓްރީން މަޢުލޫމާތުދެއެވެ.