ޚަބަރު

އޭސީސީއަށް 5 މެމްބަރުން ޢައްޔަންކޮށް ރުހުންދީފި


އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް 5 މެމްބަރަކު އައްޔަންކޮށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ފަސް ބޭފުޅުންނާއި އިންޓަރވިއުކޮށް އެ ފަސްބޭފުޅުންގެ ނަން ތަޅުމަށް ފޮނުވުމަށް ފާސްކޮށްފައެވެ. މިއަދުގެ ޖަލްސާގައި މިރިޕޯޓް މަޖިލީހަށް ހުށަހަޅައި، ކޮންމެ ސިޔާސީ ޕާޓީއަކަށްވަނީ މިނަންފުޅުތަކާއިމެދު ދެކެވަޑައިގަންނަވާ ގޮތަކާމެދު ބަސްހުސް ކުރުމަށް ފުރުސަތު ދީފައެވެ. މިނަންފުޅުތަކާމެދު އެއްވެސް ޕާޓީއަކުން ދެކޮޅު ހަދާފައި ނުވެއެވެ.

މިއަދު ޖަލްސާގައި ވަނީ މިނަންފުޅުތަކަށް ވޯޓަށް އަހާފައެވެ. މަޖިލީހުންގެ ތަޅުމުން ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ފަސްބޭފުޅުންނަށް ރުހުންދޭން ވަނީ ފާސްކޮށްފައެވެ.

އޭސީސީއަށް އައްޔަން ކުރާ 5 ބޭފުޅުންނަށް މަޖިލީހުން ވޯޓު ދެއްވި ގޮތް

  • 1- އަލްއުސްތާޛް އާދަމް ޝާމިލް، ރަތްވިލާގެ/ ތ. ވިލުފުށި، 42 ވޯޓު
  • 2- އަލްއުސްތާޛް އަބްދުއްސަލާމް، ހަވާ/ ށ. ނަރުދޫ، 43 ވޯޓު
  • 3- އަލްއުސްތާޛް ޠާހާ މުހައްމަދު، ކަޅިހާރުގެ/ އދ. މާމިގިލި، 40 ވޯޓު
  • 4- އަލްއުސްތާޛާ ޝަޒްނާ ހާޝިމް، ރިހިވިލު/ ހދ. ނޮޅިވަރަންފަރު، 42 ވޯޓު
  • 5- އަލްއުސްތާޛާ ޝިޔާމާ މުހައްމަދު، ނާރެސް/ ރ. ހުޅުދުއްފާރު، 42 ވޯޓު

މި ނަންފުޅުތަކުގެ ތެރެއިން އެއްވަނާގައި އޮތް ޝާމިލް އާދަމަކީ އޭސީސީގައި އިންވެސްޓިގޭޓަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވި އިންވެސްޓި ގޭޓަރެކެވެ. އަދި ދެވަނާގައި އޮތް ޢަބްދުއްސަލާމް ޢަލީ މިހާރުވެސް އޭސީސީގެ އިންވެސްޓިގޭޓަރުންގެ ހެޑްގެ ގޮތުގައި ހުންނެވި ބޭފުޅާއެވެ. މީގެ އިތުރުން ޠާހާ މުޙައްމަދަކީ ރައީސް އުފެއްދެވި ފްލެޓް ކޮމިޓީގެ މެންބަރެވެ. އަދި ޝިޔާމާ މުޙައްމަދަކީ އިލެކްޝަންސް ކޮމިޝަންގެ ލީގަލް ޑިޕާޓްމަންޓްގެ ހެޑެވެ.

އޭސީސީއަށް މެމްބަރުން އައްޔަން ކުރަން ކޮމެޓީން ފާސްކޮށްފައިވަނީ، އޭސީސީގައި ތިއްބެވި ފަސް މެންބަރުން މަޤާމުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ. ޖުމްލަ 5 މެންބަރުން ހިމެނިވަޑައިގަންނަވާ އޭސީސީގެ މެންބަރުންގެ އިތުބާރު ނެތްކަމަށް މަޖިލީހުން ވޯޓް ނަގަން ތައްޔާރުވެފައިވަނިކޮށް ހުރިހާ މެންބަރުން ވަނީ އިސްތިއުފާދެއްވާފައެވެ. އަދި އެއަށްފަހު އެ ކޮމިޝަން މިހާތަނަށް އޮތީ ޤާނޫނީ ހުސްކަމެއްގެ ތެރޭގައެވެ.