ވިޔަފާރި

އުތުރުގެ ފަތުރުވެރިކަމަށް ޚާއްސަކޮށްގެން އިންޑިއާގައި ފޯރަމެއް ބާއްވަނީ


އިންޑިއާގައި ބާއްވާ އޯޓީއެމްގެ ހަވާސާގެ ތެރެއިން ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ޚާއްސަ ފޯރަމެއް ބޭއްވުމަށް ނިންމައިފިއެވެ.

އިންޑިއާގެ މުމްބާއީގައި ބާއްވާ އޯޓީއެމް (އައުޓް ބައުންޑް ޓްރެވެލް މާޓް) އޮންނާނީ މިމަހުގެ 14އިން 16އަށެވެ. މިއީ އިންޑިއާ މާކެޓުގައި ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ފަތުރުވެރިކަމުގެ ފެއަރއެވެ. މި ފެއަރގެ ތެރެއިން މާލެއިން އުތުރުގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ޚާއްސަ ފޯރަމެއް ބޭއްވުމަށް ހަމަޖެހިފައިވާކަން ޓުއަރިޒަމް މިިނިސްޓްރީން ހާމަކުރައްވައެވެ.

އިންޑީއާއަށް ފުރުމުގެ ކުރިން ވެލާނާ އެއާޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓުއަރިޒަމް މިނިސްޓަރ ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވީ، އޮޓީއެމް ހަވާސާގެ ތެރެއިން މިފަހަރު އުތުރުގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް އިންވެސްޓްމަންޓް ހޯދުމަށް ޚާއްސަ ފޯރަމެއް ބާއްވަވާނެ ކަމަށެވެ. އެގޮތުން އުތުރުން ހަނިމާދޫ އެއާޕޯޓަށް ކަނެކްޓިވިޓީ އިތުރުކޮށް، ސަރަހައްދުގައި އެނދުތައް ތަރައްޤީ ކުރުމަށް ހުރި ފުރުސަތުތަކަށް ވަރަށް ބޮޑަށް ބައްލަވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

" މިވަގުތު އެތަނަނަށް [ ހަނިމާދޫއަށް ] ޖެއްސޭނީ ބުރަފަތި ބޯޓު. އެހެންވީމަ އޭގެ ބޯޓުކޮޅެއްވެސް ގިނަގިނައިން އާދެވިއްޖެއިޔާ ރަަންގަޅު. އިންޑިއާ ވަރަށް ކައިރިވީމަ އަޅުގަނޑުމެންނަށް އެބަހުރި އެޑްވާންޓޭޖްތަކެއް. އެނދުތައް އަންނަންދެން ބޯޓު ނުޖައްސާ މަޑު ކުރެވޭކަށް ނެތް. އެހެނަސް، އެނދުތައް ނެތި ބޯޓު ޖައްސާނެ ބަޔަކުވެސް ނެތް. ދެން ހޯމްސްޓޭއިގެ ތެރެއިން އަޅުގަނޑުމެންނަށް އެބަ ލިބޭ އެނދުތައް އިތުރުކޮށްލާނެ ފުރުސަތެއް. ހަމަ އެއާ އެކު ސަރަހައްދުގެ މީހުންނަށް ދަތުރުފަތުރުގެ ފުރުސަތު ލިބުނީމަ އިމްޕޯޓް އެކްސްޕޯޓުވެސް ފުޅާވެގެން ދާނެ ވައިގެ މަގުން. " ޑރ.މައުސޫމް ވިދާޅުވިއެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ޓީމެއް އިންޑިއާއަށް ކުރާ މިދަތުރުގައި އެމްއެމްޕީއާރްސީ، ޑޮމެސްޓިކް އެއާލައިންތައް، ބޯޓިން އެސޯސިއޭޝަން އަދި ހދ.އަތޮޅު ކައުންސިލުންވެސް ބައިވެވެއެވެ. އެފަރާތްތަކުންވެސް ފާހަގަ ކުރެއްވި ގޮތުގައި އުތުރަށް އިތުރު ކަނެކްޓިވިޓީ ލިބިއްޖެނަމަ ފަތުރުވެރިކަން މި ސަރަހައްދަށް ފުޅާ ކުރުމަށް ފަހި ފުރުސަތު ފަހިވެގެންދާނެއެވެ.

ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވީ މިދަތުރުގެ މައިގަނޑު ފޯކަސް، އުތުރުގެ ފަތުރުވެރިކަމަށް އޮތް ނަމަވެސް، ރާއްޖޭގެ ހުރިހާ ސަހަރައްދެއްގެ ވާހަކަވެސް ދައްކާނެ ކަމަށާއި، އިންޑިއާ މާކެޓް އިތުރަށް ފުޅާ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރާނެކަމަށެވެ.