ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއްގެ ދަށުން މަސައްކަތްތައް ކުރަމުންދާކަމަށް ޕްލޭނިން މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މިނިސްޓަރު މުޙައްމަދު އަސްލަމާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭންއާ ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުއްﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަސްލަމް ވިދާޅުވީ ރާއްޖޭގައި މަލްޓިޕާޓީ ނިޒާމު ތަޢާރަފްވީފަހުން ޤައުމީ ތަރައްޤީގެ ޕްލޭނަކަށް ވެގެންދަނީ ވެރިކަމަށް އަންނަ ޕާޓީތަކުން މެނިފެސްޓޯއެއްގެ ގޮތުގައި ހުށަހަޅާ ޕްލޭންކަމަށެވެ. އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ މެނިފެސްޓޯގެ ދަށުން ޤައުމު ތަރައްޤީ ކުރުމަށްޓަކައި ޚާއްސަ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ތައްޔާރުކޮށް އެޕްލޭނާ އެއްގޮތަށް މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
ޖާބިރުގެ ސުވާލުގައި މާސްޓަރ ޕްލޭންގެ ދަށުން ޤައުމު ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ގޮތަކީ ކޮބައިތޯ ދެންނެވުމުން މިނިސްޓަރ އަސްލަމް ވިދާޅުވީ މިޕްލޭންގެ ދަށުން ރާއްޖެ 3 ރީޖަނަކަށް ބަހާލައި 6 ޒޯންއެއްގެ ތެރޭގައި 26 ބަޔަކަށް ބަހާފައިވާނެކަމަށެވެ. އެގޮތުން މިހާރު މިޕްލޭންގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތައްކުގައި ޕަބްލިކް ޓްރާންސްޕޯޓް ސިސްޓަމެއް ރަނގަޅު ފެންވަރެއްގައި ގާއިމުކުރުމަކީ މި މެނިފެސްޓޯގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ އެއް ކަން ކަމުގައި ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިޕްލޭންގެ ދަށުން ފެރީ ނެޓްވޯކިންގެ ޕްލޭނެއްވެސް މިހާރު އަގުކޮށްފައިވާނެކަމަށެވެ.